ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ބޯހިމެނުމުގެ މަސައްކަތަށް 4،000 އޮފިޝަލުން ހޯދަނީ

Feb 18, 2022

ބޯހިމެނުމުގެ މަސައްކަތަށް ބޭނުންވާ 4،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އިއުލާންކޮށްފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 4،300 އެނިއުމަރޭޓާސް އަދި 100 ޓްރެއިނާސް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނިއުމަރޭޓަރުން ތަމްރީން ކުރުމަށް ޓްރެއިނަރުން ހޭދަކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާ އަދި ތަމްރީން ހޯދާ ނިއުމަރޭޓަރުން ތަމްރީންތަކުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 50 ރުފިޔާ ދިނުމަށް ހަމަޖައްސާފައިވެ އެވެ. މީގެއިތުރުން ބޯހިމެނުން ކުރިއަށްދާއިރު ސީދާ އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ކޮންމެ ނިއުމަރޭޓަރަކަށް ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސަކާއި ކޮންމެ ދުވަހަކަށް 10 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެ އެވެ.

ބޯހިމެނުމުގައި ހަރަކާތްތެރިވާ ނިއުމަރޭޓަރުން އަތޮޅު ތެރޭގައި ތަމްރީން ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހު އެވެ. މާލޭގައި ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަހަރުގެ އޯގަސްޓް އަދި ސެޕްޓެމްބަރުގަ އެވެ.

ބޯހިމެނުމުގައި ބޭނުންކުރާ ސުވާލު ކަރުދާސްތައް ޓެސްޓް ކުރުމުގެ މަސައްކަތް ވެސް އެމްބީއެސް އިން މިހާރު ދަނީ ކުރަމުންނެވެ.

ބޯހިމެނުން ކުރިއަށް ގެންދަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 17 އިން 30 އަށެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ 6 އޮކްޓޯބަރު 2022 ގައި އިއުލާން ކުރާނެ އެވެ. ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. މިހާރު ރާއްޖޭގެ އާބާދީ ސީދާ އަދަދު މުޅީން ސާފު ނުވާއިރު ބިދޭސީންގެ އަދަދުވެސް ސާފެއް ނުވެ އެވެ.