އިންޑިއާގެ 54 އަހަރުގެ ފިރިހެނަކު މަކަރާއި ހީލަތުން، އެ ގައުމުގެ ހަތް ސްޓޭޓެއްގެ 14 އަންހެނަކާ ކައިވެނި ކޮށްފި އެވެ.
އޮޑީޝާ ކިޔާ ރަށެއްގައި މި މީހާ ހުއްޓާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. މި މީހާ އަންހެންވެރިން ހައްދާލަނީ ޑޮކްޓަރަކަށް ހެދިގެންނެވެ. އަދި ކައިވެނިކުރުމަށްފަހު އަންހެން މީހާގެ އަގުހުރި މުދަލާއި ފައިސާ ހިފައިގެން ފިލަނީ އެވެ.
ބިދޫ ޕްރަކާޝް ސްވައިން ނަމަކަށް ކިޔާ މި މީހާ ރަމޭޝް ސްވެއިންގެ ނަމުގައި ވެސް ބައެއް އަންހެނުންނާ ބައްދަލު ކުރެ އެވެ. އޭނާގެ އަމާޒަކަށް އާއްމުކޮށް ހަދަނީ މީހުންނާ އިނދެ ވަރިކޮށްފައި ތިބޭ ދެބައި އުމުރުގެ އަންހެނުންނެވެ. އަދި މީގެ ތެރެއިން ވެސް ފައިސާވެރިންނެވެ.
އޮޑީޝާ ސަރަހައްދުގެ ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވީ ބިދޫގެ ޓާގެޓަކަށް ގިނަ ފަހަރު ހަދަނީ ސަރުކާރާއި ޕްރައިވެޓް އޮފީސް ތަކުގައި މަތީ މަގާމުތަކުގައި ތިބި ތައުލީމީ ރަނގަޅު މީހުންނެވެ. އޭނާގެ މަގުސަދަކީ އެމީހުންގެ އަތުގައި ހުރި ފައިސާތައް އަތުލުމެވެ.
ޔުނިއަން ހެލްތު މިނިސްޓްރީގެ ޑޮކްޓަރަކަށް ހެދިގެން އޭނާ މިފަދަ އަންހެނުންނާ ގުޅަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށެވެ. ނުވަތަ މެޓްރިމޯނިއަލް ސައިޓްތަކުންނެވެ.
އޮޅުވާލައިގެން 14 އަންހެނަކާ މި މީހާ ކައިވެނިކޮށްފައިވާއިރު އެމީހުން އަތުން އަތުލާފައިވާ ފައިސާ އާއި އަގުބޮޑު ތަކެތީގެ ހިސާބުތައް ހޯދަމުންދާ ކަމަށް ފުލުހުންގެ އޮފިޝަލުން ވިދާޅުވި އެވެ.
މި މީހާގެ މަޅީގައި ޖެހުނު އަންހެނުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ އެޑްވޮކޭޓް އަކާއި ސީނިއާ ސެންޓްރަލް އާމްސް ޕޮލިސް ފޯސްގެ އޮފިޝަލަކު ވެސް ހިމެނެ އެވެ. މީގެ ތެރެއިން ޕޮލިސް އޮފިސަރު އަތުން 10 ލައްކަ ރުޕީސް، ބިދޫ ވަނީ މަކަރުން އަތުލާފަ އެވެ.
ފުލުހުންގެ ރިޕޯޓު ބުނާ ގޮތުގައި މި މީހާ 14 މީހަކާ ކައިވެނިކުރިއިރު މީގެ ތެރެއިން ފަސް މީހަކަށް ދަރިން ވެސް ވަނީ ލިބިފަ އެވެ.
ބިދޫ ފުރަތަމަ ކައިވެނިކުރީ 1982 ވަނަ އަހަރު އެވެ. ދެވަނަ ކައިވެނި 2002 ވަނަ އަހަރު އެވެ. އޭގެ ފަހުން 2002 އާއި 2020އާ ދެމެދުގެ އަހަރުތަކުގައި 12 އަންހެނަކާ އޭނާ ކައިވެނިކޮށްފައިވެ އެވެ.
ކޮންމެ އަންހެނަކާ އެކު ވެސް އޭނާ ދިރިއުޅެނީ މަދު ދުވަސްކޮޅަކު އެވެ. ދުވަސްކޮޅެއް ކޮށްލާފައި ކޮންމެވެސް ކަމަކު ބުބަނޭޝްވަރް ކިޔާ ރަށަކަށް ދާން ޖެހިއްޖޭ ކިޔާފައި ގޮސް ފިލަނީ އެވެ.
ފުލުހުން ބުނި ގޮތުގައި ބިދޫގެ އަތުގައި ހަތަރު އާދާރު ކާޑު (އައިޑެންޓިޓީ ކާޑު) އޮވެ އެވެ. މީގެން ކޮންމެ ކާޑެއްގައި ވެސް އޮންނަނީ ތަފާތު ނަމެކެވެ. އަދި އެހެން މީހެއްގެ ނަމުގައި ހަދާފައި އޮންނަ ބިހާރް ސްކޫލެއްގެ ސެޓްފިކެޓެއް ވެސް އޮތެވެ. އަދި އެކި ނަންނަމުގައި ހަދާފައިވާ އޭޓީއެމް ކާޑުގެ 11 ކާޑު އޮތެވެ.
ދެ ފަހަރެއްގެ މަތިން ބިދޫ ހައްޔަރުކޮށްފައިވެ އެވެ. ފުރަތަމަ ހައްޔަރުކުރީ އެމްބީއޭ ދަރިވަރަކަށް ވަޒީފާއެއް ހޯދައިދޭނަމޭ ކިޔައިގެން އޮޅުވާލައިގެން ފައިސާތަކެއް އަތުލައިގެންނެވެ. ދެވަނަ ފަހަރަށް ހައްޔަރުކޮށްފައިވަނީ ކެރެލާގެ އެރްނަކުލަމުންނެވެ. އެފަހަރު ހައްޔަރުކުރީ ލޯނަކަށް މަކަރު ހަދައިގެންނެވެ.