ކްރިމިނަލް ކޯޓް

ޓެރަރިޒަމަށް ހިތްވަރުދީ ޕޯސްޓްތައް ކުރި ކަމަކަށް ސާބިތެއް ނުވި

Feb 19, 2022

ފޭސްބުކް އެކައުންޓްތަކެއް މެދުވެރިކޮށް އެމެރިކާގެ ޓެރެރިސްޓުންތަކެއްގެ އަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ހދ. ނޭކުރެންދޫ ޝާޒިން، މުހައްމަދު މުނާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފި އެވެ.

މުނާޒްގެ މައްޗަށް 2019 ވަނަ އަހަރު ދައުލަތުން ދައުވާކުރީ "އަބޫ ޔޫސުފް" އާއި "އަބޫ މިޝްކާ"ގެ ނަމުގައި ހުޅުވާފައިވާ ފޭސްބުކް އެކައުންޓްތަކަކުން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ޓެރަރިޒަމަށް ހިތްވަރުދޭ ބަޔަކާ މުއާމަލާތްކޮށް ފައިސާ ހޯދާފައިވާ މައްސަލައެއްގަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭނާ އެ ފައިސާ ހޯދާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ފަންޑު ކުރަން ކަމަށް ވެސް ދައުލަތުން ވަނީ ތުހުމަތުކޮށްފަ އެވެ.

މުނާޒުގެ މައްޗަށް ދައުވާތައް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފަ އެވެ. މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުން ކުރިއަށް ދިޔައީ މިދިޔަ ޑިސެމްބަރު 16 ވަނަ ދުވަހު އެވެ.

ހުލާސާ ބަޔާން އިއްވަމުން މުނާޒުގެ ދިފާއީ ވަކީލް ހުސްނީ މުބާރަކް ވިދާޅުވެފައި ވަނީ މުނާޒް ފޭސްބުކަށް ވަންނަނީ އެކި މީހުންގެ ފޯނުން ކަމަށެވެ. އަދި ފަހުން އޭނާއަށް އަމިއްލަ އެކައުންޓަށް ލޮގިން ނުވެވޭ ކަމަށް ތަހުގީގުގައި ވެސް އޭނާ ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެހެން މީހުންގެ ފޯނުން ފޭސްބުކަށް ވަންނައިރު އެއީ ސީދާ މުނާޒް ކޮށްފައިވާ ޕޯސްޓްތަކެއް ކަމާމެދު ޝައްކު އުފެދޭ ކަމަށެވެ. އަދި މުނާޒްގެ އަމިއްލަ ފޯނުން އެ އެކައުންޓްތަކަށް ލޮގިން ވެފައިވާކަން ފުލުހުން ހޯދާފައި ނުވާކަން ވެސް ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ވަކީލް އައިޝަތު މިލްނާ ވިދާޅުވެފައި ވަނީ "އަބޫ ޔޫސުފް" އެކައުންޓުން މުނާޒް އެކި ދުވަސްމަތިން ޓެރަރިޒަމަށް ހިތްވަރުދޭ ޕޯސްޓްތައް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ އެކައުންޓްގެ ކަވާ ފޮޓޯގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްގެ ދިދަ ފެންނަ ފޮޓޯއެއް އަޕްލޯޑްކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ކުފުރުވެފައިވާ ބައެއްކަމަށް ބުނެ ޕޯސްޓްތައް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޖިހާދަށް ދިއުމަށް ހިތްވަރުދީ ޕޯސްޓްތައް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އެކަމަކު މުނާޒްގެ ފަރާތުން އެކަންކަމަށް ވަނީ އިންކާރުކޮށްފަ އެވެ. މުނާޒުގެ ވަކީލް ވިދާޅުވީ ޓެރަރިސްޓެއް ކަމަށް ތުހުމަތުކޮށް އެމެރިކާއިން ހައްޔަރުކޮށްފައިވާ ލަޔަނަލް ވިލިއަމްސް ކިޔާ މީހެއްގެ އަތުންނާއި އައިއެސްއަށް ތާއީދުކުރާކަމަށް ތުހުމަތުކުރެވޭ ޕާކިސްތާންގެ މުހައްމަދު އިމްރާން ކިޔާ މީހެއްގެ އަތުން ވެސްޓާން ޔޫނިއަންގެ މަނީ ޓްރާންސްފާ މެދުވެރިކޮށް ފައިސާ ހޯދާފައިވާ ޓްރާންސެކްޝަންތަކުގެ ތަފްސީލް ދައުލަތުން ހޯދީ ގާނޫނާ ހިލާފަށް ކަމަށެވެ. ކޯޓު އަމުރަކާ ނުލައި ފުލުހުންނާއި އެ ބޭންކާ ދެމެދު މުއާމަލާތް ނުހިންގޭނެ ކަމަށްވެސް ހުސްނީ މުބާރަކް ހުލާސާ ބަޔާން އިއްވަމުން ފާހަގަކުރެއްވި އެވެ.

ދައުލަތުން ބުނެފައިވަނީ އެ ބޭންކަކީ ދިވެހިންނަށް ވެސް ހިދުމަތް ދޭ ބޭންކަކަށްވާއިރު އެ މައުލޫމާތު ފުލުހުން ހޯދާފައިވަނީ ލިޔުމުން ހުށަހަޅައިގެން ކަމަށެވެ. އެ މައުލޫމާތުތައް ހޯދާފައިވަނީ ގާނޫނީ އިމުގެ ތެރެއިން ފުލުހުންނަށް ލިބިދީފައިވާ އިހުތިޔާރުގެ ތެެރެއިން ކަމަށެވެ.

މުނާޒް ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ވެސްޓާން ޔޫނިއަން މަނީ ޓްރާންސްފާގެ ސްލިޕްތަކެއް ފެނިފައިވާ ކަމަށާއި އެހެންކަމުން އެ މުއާމަލާތްތައް ކޮށްފައިވަނީ މުނާޒާ ކަން އެނގެން އޮތް ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ. ނަމަވެސް ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ އެ ބޭންކުން މުއާމަލާތް ކުރުމަކީ ކުށެއް ނޫން ކަމަށާއި، އެއީ ސީދާ ދައުލަތުން ފާހަގަކޮށްފައިވާ ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ތުހުމަތުކުރާ މީހުންނާއެކު ކޮށްފައިވާ މުއާމަލާތްތަކެއްކަން ކަށަވަރު ނުވާ ކަމަށެވެ. އެހެންކަމުން އެކަން ވެސް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

މީގެ ކުރީގެ އަޑުއެހުމެއްގައި މުނާޒްގެ ފަރާތުން ބުނެފައިވަނީ ދައުލަތުން ތުހުމަތުކުރާ ފައިސާ ހޯދީ ސަލާން ޖަހާ އުސޫލުން ކަމަށެވެ.