ރަޝިއާ-ޔުކްރޭން މަސްލަހަތާ ބެހޭ ގޮތުން އދ. ގެ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމުގައި އިންޑިއާ ދެއްކި ވާހަކައަށް ރަޝިއާ ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.
ސަލާމަތާ ބެހޭ މަޖިލީހުގައި މި މައްސަލާއާ ބެހޭ ގޮތުން ވާހަކަ ދެކެވެމުން ދިޔައިރު، މޮސްކޯ އާއި ވޮޝިންގްޓަން ހީވީ ދެންމެ ދެންމެއަކު ގަޔަށް އަތްލަފާނެހެންނެވެ.
އދ. ގައި ހުންނަވާ އިންޑިއާ ސަފީރު ޓީއެސް ތިރުމުތީ ވިދާޅުވި ގޮތުން އެއްބަޔަކު އަނެއް ބައެއްގެ ލޮލަށް ބޮަލަށް އަރާނެ ވަގުތެއް މިވަގުތަކު ނެތެވެ.
ސަފީރު ވިދާޅުވީ މިއީ ނާޒުކު ދަނޑިވަޅެއް ކަމަށާއި ބުއްދި އިސްކޮށް ބިނާކުރަނިވި މަޝަރާއިން ނޫން ގޮތަކަށް ސަލާމަތެއް ނެތް ކަމަށެވެ. އޭނާ އަދި ވިދާޅުވީ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމެއް، އެއްވެސް ބަޔަކު ކުރުމަކީ އިންޑިއާ އެދޭ ގޮތް ނޫން ކަމަށެވެ.
ރަޝިއާ ބުނީ އިންޑިއާ އަކީ ދެގޮތެއް ނުވާ ގައުމެއް ކަމަށާއި އިންޑިއާގެ ސިޔާސަތަށް ސެލިއުޓް ކުރާ ކަމަށެވެ.
އިންޑިއާ ސަފީރު ވިދާޅުވި ގޮތުން ޑިޕްލޮމެޓިކް މަޝްވަރާތަކުން ހައްލެއް ލިބޭނެ އެވެ. އެނޫން ގޮތަކަށް ދެމެހެއްޓެވި ގޮތުގައި ސުލްހާ ގާއިމު ނުކުރެވޭނެ ކަމަށް ވެސް އިންޑާ ބުންޏެވެ.
ސަފީރު ވިދާޅުވީ ސަރަހައްދީ ސުލްހައަށްޓަކައި ޒަމާނުއްސުރެ އަމަލު ކުރަމުން ގެންދާ އެއްބަސްވުން ތަކަށާއި ސިޔާސަތުތަކަށް އަނބުރާ ދިއުން ބުއްދިވެރި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުން ރަޝިއާ އާއި ޔުކްރޭންގެ ފަރާތުން ކޮންމެވެސް އެހެން ބަޔަކު ވެސް މިހާރު މަޝްވަރާއަށް ނުކުތުމަކީ ވެސް އެދެވޭ ކަމެއް ކަމަށެވެ.
ތިރުމުތީ ވިދާޅުވި ގޮތުން ޔުކްރޭންގައި 20.000 އަށް ވުރެ ގިނަ އިންޑިއާ ރައްޔިތުން ތަފާތު އެކި ބޭނުމުގައި ދިރިއުޅެ އެވެ. އޭނާ އަދި ވިދާޅުވީ އޭގެ ތެރެއިން ގިނަ މީހުން މަސްއޫލްވެ އުޅެނީ ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރީގައި ކަމަށެވެ.
އެމެރިކާ ބުނާ ގޮތުން ރަޝިއާގެ ވިސްނުމަކީ ޔުކްރޭން ހިފުމެވެ. ރަޝިއާ ބުނީ އެއީ ދޮގެއް ކަމަށާއި، ރަޝިއާ ދިފާއުކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.
ރަޝިއާ އަބަދުވެސް ބުނަނީ އިސްވެ ހަމަލާ ނުދޭނެ ކަމަށެވެ. އެކަމަކު ހަމަލާއެއް އަރައިފިނަމަ ބަޑިބޭސް ހުރީ ހަމައެކަނި އެމެރިކާ އަތުގައި ނޫންކަން ދައްކާލާނެ ކަމަށެވެ.