ރަޝިއާ، ޔުކްރޭން ހަނގުރާމައަށް އޮތް ހަމައެކަނި ހައްލަކީ މަޝްވަރާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
އދ.ގެ 77 އާންމު މަޖިލީހާ މުޚާތަބު ކުރައްވައި ޖައިޝަންކަރު ވިދާޅުވީ އިންޑިއާގެ ތާއީދު އޮތީ އދ. އުފައްދަން ޖެހުނު އަސާސްގައި ދެމިއޮތުމަށް ކަމަށެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމައިގައި އިންޑިއާ އޮތީ ކޮންކޮޅަކަށްތޯ ގައުމުތަކުން ސުވާލުކޮށް ޕްރެޝަރުކުރާ ކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ ދުނިޔޭގައި ސުލްހަ ގާއިމުވާން އިންޑިއާ އެދޭ ކަމަށެވެ.
އދ. ގެ އަސާސަކީ ކޮންމެ ގައުމަކަށް ވެސް ރައްކާތެރިކަން އޮތުން ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ. އިންޑިއާ ވެސް އޮތީ އެ އަސާސްގެ ދިފާއުގައި ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަތް ފަހުން ޔުކްރޭން ދޫކޮށް އަވަށްޓެރި ގައުމުތަކަށް ދިޔަ މީހުންގެ އަދަދު މިހާރު ވަނީ މިލިއަނުން ގުނަން ޖެހިފަ އެވެ.
ހަނގުރާމައިގެ ކުރިން މިނިވަންކަމުގައި އުޅުނު އެތައް މިލިއަން މީހުން މިހާރު ވަނީ ގެދޮރު ގެއްލި އަދި އާއިލާ ގެއްލިފަ އެވެ.
ޖައިޝަންކަރު ވިދާޅުވި ގޮތުގައި ދުނިޔެ އަށް ކާންދިނުމަށްޓަކައި ވެސް ޔުކްރޭން ހަނގުރާމަ ނިންމަން ޖެހޭ ކަމަށެވެ.
އދ.ގެ އޮނިގަނޑުގެ ތެރެއިން ކޮންމެ ގައުމަކަށް ވެސް ހައްގު މިނިވަންކަން އަނބުރައި ހޯދައިދިނުމަށް އިންޑިއާ މަސައްކަތްކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ދުނިޔެއަށް ވަކި ގައުމަކުން [އެމެރިކާ] ބާރުފޯރުވުމަށް ދެކޮޅު ހައްދަވާކަން ދޭހަވާ ގޮތަށް ޖައިޝަންކަރު ވިދާޅުވީ މިނިވަން ދުނިޔެއެއްގައި ހަރަކާތްތެރިވުމުގެ އިޚުތިޔާރު ކޮންމެ ގައުމަކަށްވެސް އޮންނަން ވާނެ ކަމަށެވެ.
ދުނިޔެ އޮތީ ކޮޅިގަނޑެއްގައި ކަމަށް ވިދާޅުވެ ޖައިޝަންކަރު ވިދާޅުވީ ސުލްހައަށް ލޯބިކުރާ ނަމަ އަޑުއަހަން ޖެހޭނީ ވަކި ބަޔަކު -- އެ ބަޔަކު ދެކެ ތިމާ ލޯބިވާ ބަޔަކު ދައްކާ ވާހަކަ އެކަނި ނޫން ކަމަށެވެ.
"ކޮންމެ ގައުމަކަށް ވެސް ދެއްކޭނެ ސަބަބުތަކެއް ހުންނާނެ،" ޖައިޝަންކަރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެ ސަބަބުތަކާ ގުޅިފައި އޮތް އަސްލު ސަބަބު މައްސަލައެއް ގޮތުގައި އޮވެގެން ސުލްހަ ގާއިމު ނުކުރެވޭނެ ކަމަށެވެ.
"މިއީ ހަނގުރާމަ ކުރަންވީ ވަގުތެއް ނޫން،" ޖައިޝަންކަރު ވިދާޅުވި އެވެ. "މިއީ އެއްބާރުލުމާއި ތަރައްގީވުމަށް އޮތް ވަގުތު" ވަޒީރު ވިދާޅުވި އެވެ.