ދުނިޔެ

ރަޝިއާގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން އެބަ އޮތް: ޗައިނާ

ރަޝިއާގެ ރައްކާތެރިކާ މެދު ކަންބޮޑުވުން އޮތް ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ނޭޓޯގެ އަމަލުތަކާ މެދު ރަޝިއާ ކުރާ ޝަކުވާ ސައްހަ ކަމަށެވެ.

ޔީ ވިދާޅުވި ގޮތުން ރަޝިއާ އަކީ މިނިވަން މުސްތަގައިލު ގައުމެކެވެ. ރަޝިއާއާ އިންވެގެން އޮތް ޔުކްރޭނަށް ނޭޓޯ މެންބަރުކަން ދިނުމަކީ ރަޝިއާ އަށް ކޮންބޮޑުވުމެއް ކަމަށް ބުނާއިރު ވެސް ހުޅަނގާއި ޚާއްސަކޮށް އެމެރިކާ އަޅާނުލަނީ އެކަމުގައި އެމީހުންގެ މަސްލަހަތު އޮތުމުން ކަމަށް ވަޒީރު ވިދާޅުވި އެވެ.

ރަޝިއާ ކުރަނީ ހައްގު އަދި ސައްހަ ޝަކުވާއެއް ކަމަށް ވިދާޅުވެ ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެމެރިކާ އާއި ނޭޓޯގެ އަމަލުތައް ހުރީ ދުރުރާސްތާގައި އެމީހުން ވަރަށް ބޮޑު ފައިދާއެއްވާ ގޮތަށް ކަމަށެވެ.

ނޭޓޯ ރަޝިއާއާ ކައިރިއަށް ޖެހި ފުޅާކުރަން ކުރާ މަސައްކަތްތަކުން ހަގީގަތުގައި ގެއްލުން ބޮޑުވާނީ ޔޫރަޕަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ޔޫރަޕަކީ މިހާތަނަށް ކޫސަނި ހަމަނުޖެހުން ހިނގާ ސަރަހައްދަކަށް ނުވި ނަމަވެސް ނޭޓޯގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ކަމާ މެދު ވިސްނޭ ވަރަށް ވުރެ އެމީހުންގެ އަމިއްލަ އެދުން ބޮޑު ކަމަށް ވަންގް ވިދާޅުވި އެވެ.

ވަންގް ވިދާޅުވި ގޮތުން ޔުކްރޭންގެ މިނިވަންކަމާ މެދު ވެސް ޗައިނާ ކަންބޮޑުވެ އެވެ. އޭނާ އަދި ވިދާޅުވީ މަޝްރަހު ގޯސްކުރަނީ އެހެން ބައެއް ކަމަށާއި އެމީހުންގެ ވާހަކަތަކުން ހީވަނީ ހަމަ ދެންމެ ދެންމެ ހަނގުރާމަ ފެށިދާނެހެން ކަމަށެވެ.

ވަޒީރު ވިދާޅުވީ ހަނގުރާމައެއް ފެށިއްޖެ ނަމަ މިހާރު ހިމޭނުން ތިބި ކިތަންމެ ބަޔަކު އެސަރަހައްދަށް ވަންނާނެ އެވެ. އަދި އިގުތިސޯދީ ގޮތުން ދުނިޔެއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ އެވެ.

ޓޫރިޒަމަށް ބަރޯސާކުރާ ގައުމުތަކަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ކަނޑުތައް ބަންދުވެ އަދި ވައިގެ ދަތުރުފަތުރަށް ހީރަނުކަން އަންނާނެ ކަމަށް ވިދާޅުވި އެވެ.

ވަންގް ވިދާޅުވީ ބާރުގަދަ ގައުމުތަކުން ބަލަންވީ ހަނގުރާމައަކަށް ނުގޮސް ފަރުޖެހެން އޮތް ގޮތަކަށެވެ. ހަނގުރާމަ އަކީ މަޖާ ކަމަކަށް ނުވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ސީދާ މަޝްވަރާތަކަށް ޗައިނާ މަރުހަބާ ކިޔާ ކަމަށެވެ.