ލައިފްސްޓައިލް

ދުނިޔޭގެ އެންމެ މޮޅު އެއް ކެންސަރު ޑޮކްޓަރު ނިޔާވެއްޖެ

ގެނބެމުން ދިޔަ މީހަކު ސަލާމަތްކުރަން މަސައްކަތްކުރަނިކޮށް ދުނިޔޭގެ އެންމެ މޮޅު އެއް ކެންސަރު ޑޮކްޓަރު ނިޔާވެއްޖެ އެވެ.

އިރާގަށް އުފަން ޑރ. ލުގްމާން ޖުބައިރުގެ އާއިލާ އޮސްޓްރޭލިޔާ އަށް ދިރިއުޅުން ބަދަލުކުރެއްވީ އިރާގު ހަނގުރާމައިގައި އެ ގައުމު ސުންނާފަތި ވުމުންނެވެ.

އޮސްޓްރޭލިޔާ އިން ޑޮކްޓަރީކަން ކިޔެވުމަށްފަހު ޑރ. ލުގްމާން މަސައްކަތް ކުރައްވަމުން ގެންދެވީ ގްރިފިތު ހޮސްޕިޓަލުގެ އޮންކޮލޮޖިސްޓް (ކެންސަރަށް ޚާއްސަ ޑޮކްޓަރެއް)ގެ ވަޒީފާ ގައެވެ. އަދި ކެންސަރު ރިސާޗްގެ މަސައްކަތް ވެސް އޭނާ ކުރައްވާފައިވެ އެވެ. އޮސްޓްރޭލިޔާގައި މިހާތަނަށް ހެދި ކެންސަރުގެ އެންމެ ބޮޑެތި ރިސާޗްތަކުގައި ޑރ. ލުގްމާން އިސް ރޯލެއް ކުޅުއްވާފައި ވެއެވެ.

އުމުރުން 35 އަހަރުގެ ޒުވާން ޑޮކްޓަރު ނިޔާވީ އޮސްޓްރޭލިޔާގެ ގޯލްޑް ކޯސްޓު ބީޗަށް އެރި އުޅުނު މީހަކު އެހީއަށް އެދި ގޮވަން ފެށުމުން އޭނާއަށް އެހީވުމަށް ފަތާފައި ދަނިކޮށް ކަނޑަށް އޮޔާ ގޮސް ގެއްލިގެންނެވެ.

ބުރާސްފަތި ދުވަހުގެ އިރު އޮއްސުނު ވަގުތު ހިނގި މި ހާދިސާގައި ޑރ. ލުގްމާން ގެއްލުމާއެކު ރެސްކިއު ޓީމުތަކުން އޭނާ ހޯދުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް ހޮނިހިރު ދުވަހު ހެނދުނު އެމީހުންނަށް ފެނިފައިވަނީ އޭނާގެ ފުރާނަނެތް މަސްގަނޑެވެ.

އޮސްޓްރޭލިޔާ ފުލުހުން ބުނި ގޮތުގައި މީހަކު އޮޔާ ދާތީ އެހީއަށް އެދި ގޮވަން ފެށިއިރު ޑރ. ލުގްމާން ހުންނެވީ އުނަގަނޑުތާ ފެނުގަ އެވެ. ބީޗުގައި ތިބި އެހެން ތިން މީހަކަށް ވެސް ސިގްނަލްދީ އެމީހާއަށް އެހީވާން އައުމަށް ޑރ. ލުގްމާން އެންގެވި ކަމަށްވެ އެވެ. އަދި ޚުދް އޭނާ ވެސް ގެނބެމުންދިޔަ މީހާ އަށް އެހީތެރިވުމަށް އެ ދިމާއަށް ފަތަން ފެއްޓެވީ އެވެ.

އެހީއަށް އެދި ގޮވި މީހާ އާއި އޭނާ ސަލާމަތްކުރަން ދެން އެރުނު ގްރޫޕްގައި ހިމެނޭ ތިން މީހުން ސަލާމަތުން އެއްގަމަށް އެރިއިރު ޑރ. ލުގްމާން އެ ދިޔަ ގޮތަށް އޮޔާ ގޮސް ގެއްލުނީ އެވެ.

ފުލުހުން ބުނި ގޮތުގައި މީހެއްގެ ފުރާނަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެހެން މީހެއްގެ ފުރާނަ ދިއުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ. ނަމަވެސް މީހަކު ގެނބޭތަން ފެނުމުން އޭނާއަށް އެހީތެރިވާން މަސައްކަތްކުރުމަކީ އިންސާނީ ފިތުރަތު ކަމުން ޑޮކްޓަރަށް ވެސް ވިސްނާލުމެއް ނެތި އެ މީހާއަށް އެހީތެރިވާން ފަތާފައި އެހިސާބަށް ދާން މަސައްކަތް ކުރެވުނީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ޑރ. ލުގްމާން ގެއްލުނުތާ އެއް ދުވަސްފަހުން ރެސްކިއު ޓީމުތަކަށް އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މަރުވެގެން ގޮނޑުދޮށަށް ލައްގާފައި އޮއްވަ އެވެ.

ކެންސަރަށް ފަރުވާ ދިނުމުގައާއި އާ ރިސާޗްތައް ހެދުމުގައި ޑރ. ލުގްމާނަކީ ފާހަގަކޮށްލެވޭ ކުޅަދާނަ އަދި ވަރަށް ޒުވާން ޑޮކްޓަރެކެވެ.