ކެންޔާގައި ބަހެއްގައި ދަތުރުކުރަމުން ދިޔަ ނަޞާރާއިން ތަކަކަށް ހަނގުރާމަވެރި ގުރޫޕަކުން ހަމަލާދޭން އުޅުމުން ބަހުގައި ދަތުރުކުރަމުންދިޔަ މުސްލިމުން ތަކެއް ތެދުވެއްޖެ އެވެ.
އެވަގުތު ބަހުގައި ތިބި މީހުންގެ ތެރެއިން މަންޒަރު ދުށް މީހުން ބުނީ ނަޞާރާއިންނަށް ހަމަލާދޭން އުޅުމުން މުސްލިމުން ތެދުވެ "އެމީހުން މަރާލާނަމަ އަހަރުމެންވެސް މަރާލާށޭ ނުނީ އެންމެން އެކީގައި ދޫކޮށްލާށޭ" ބުނި ކަމަށެވެ.
އެބަހަކީ ވެރިރަށް ނައިރޯބީ އިން މަންޑޭރާ އަވަށަށް ދަތުރު ކުރަމުން ދިޔަ ބަހެކެވެ.
ސޯމާލިއާގެ ބޯޑަރު ކައިރީގައި އޮންނަ އެލް ވެކް އަވަށް ކައިރިއަށް މި ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ދެމީހުން ވަނީ މަރުވެފަ އެވެ. ސޯމާލިއާގެ އަލް ޝަބާބް ގުރޫޕުން މިހަމަލާގެ ޒިންމާ ނަގާފައިވާ އިރު މި ގުރޫޕުން ވަނީ ކެންޔާގެ އިރުމަތީގެ ސަރަހައްދުތަކަށްވެސް ހަމަލާ ތަކެއް ދީފަ އެވެ.
މައްކާ ބަސް ކުންފުނީގެ މުވައްޒަފަކު ބުނީ ހަނގުރާމަވެރިން މުސްލިމުންނާއި ނަޞާރާއިން ވަކިވުމަށް އެންގި ނަމަވެސް މުސްލިމުން އެކަމަށް ދެކޮޅު ހަދައި ވަކިވެފައި ނުވާ ކަމަށެވެ. ބަޑި ޖެހީ ގަދަ ދެއްކި ފަސިންޖަރުން ގަޔަށް ކަމަށް ވެސް އޭނާ ބުންޏެވެ.
އަލް ޝަބާބް ގުރޫޕުން ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ގަރިއްސާ ޔުނިވާސިޓީ އަށް ހަމަލާދީ 148 އަށް މީހުން މަރާލާފައެވެ. އެޔުނިވަސިޓީއަށް ހަމަލާދިން އިރު އެގުރޫޕުންވަނީ މުސްލިމުން ދޫކޮށްލުމަށްފަހު ނަޞާރާއިންނަށް އަމާޒުކޮށްގެން ހަމަލާތަކެއް ދީފަ އެވެ.
އަދި އެގުރޫޕުން ވަނީ މިދިޔަ އަހަރު، ވެރި ރަށް ނައިރޯބީއަށް ކްރިސްމަސް ފާހަގަކުރަން ބަހެއްގައި ދަތުރުކުރަމުންދިޔަ ބަޔަކަށް މަންދޭރާ ޓައުން ކައިރިން ހަމަލާދީ 28 މީހުން މީހުން މަރާލާފަ އެވެ.
ކެންޔާގެ ޑެއީ ނޭޝަން ނޫހަށް މައުލޫމާތު ދެމުން މަންދެރާގެ ގަވަރުނަރު އަލީ ރާބާ ވިދާޅުވީ ބަހުގައި ތިބީ ވަރަށް ހިތްވަރުގަދަ ބައެއް ކަމަށާއި ބަހުގައި ތިބި ފަސިންޖަރުންގެ އެއްބައިވަންތަކަމުގެ ސަބަބުން ހަނގުރާމަވެރިން ވަނީ ބަސް ދޫކޮށްލާފައި ގޮސްފައި ކަމަށެވެ.
އަލް ޝަބާބު ގުރޫޕުން ކެންޔާ އާއި ހަނގުރާމަ ކުރަން ފެށީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކެންޔާގެ ފައުޖެއް ސޯމާލިއާ އަށް އަރައި ހަނގުރާމަވެރިންނަށް ހަމަލާދޭން މަސައްކަތް ކުރުމުންނެވެ.
އަލް ޝަބާބް އިން ކެންޔާއަށް ދީފައިވާ ހަމަލާތައް:
- ސެޕްޓެމްބަރު 2013- ވެރިރަށް ނައރޯބީގެ ވެސްޓްގޭޓް ޝޮޕިން މޯލް އަކަށް ވަދެގަނެ 67 މީހުން މަރާލާފައިވޭ.
- ޖޫން 2014- ލާމޫ އައިލެންޑް ރިސޯޓް ކައިރީ ހުރި ޕޮލިސް ސްޓޭޝަނަކަށް އަދި ހޮޓާތަކަކށް އަމާޒުކޮށްގެން ދިން ހަމަލާތަކެއްގައި 48 މީހުން މަރާލާފައިވޭ.
- ޑިސެމްބަރު 2014- މުސްލިމް ނޫން 36 މަސައްކަތް ތެރިއަކަށް ހަމަލާދީ މަރާލާފައިވޭ
- އޭޕްރިލް 2015- ގެރިއްސާ ޔުނިވަސިޓީއަށް ހަމަލާދީ 148 މީހުން މަރާލާފައިވޭ