މަސްތުވާތަކެތި

އިންޑިއާ އިން ހައްޔަރުކުރި ރަޝީދާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Feb 20, 2022

އިންޑިއާ އަށް ބޭސްފަރުވާ އަށް ދިޔަ ތަނުން ހައްޔަރުކުރި އައިމިނަތު ރަޝީދާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ބ. އޭދަފުށްޓަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ އައިމިނަތު ރަޝީދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މިމަހުގެ 15 ދުވަހު އެވެ.

އައިމިނަތު ރަޝީދާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރު އޭނާގެ ބަންދަށް ކޯޓުން ވަނީ ތިން ދުވަސް ދީފަ އެވެ.

ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ދެވަނަ ހާޒިރުކުރުމުން މިހާރު ވަނީ އިތުރު 11 ދުވަސް ދީފަ އެވެ.

އިންޑިއާގެ ކެރަލާގައި އުޅޭ ބަޔަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައިމިނަތު ރަޝީދާއަށް އެޑްރެސްކޮށް ފޮނުވި ޕާރްސަލެއްގައި ހުރި މަސްތުވާތަކެއްޗާ އައިމިނަތު ރަޝީދާއާ ގުޅުމެއްވާ ކަމަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ތުހުމަތުކުރެ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވިފައިވަނިކޮށް އިންޑިއާ އަށް ދިޔަ ތަނުން އެއާޕޯޓުންނެވެ.

އޭދަފުށި ބައެއް މީހުންގެ ފަރާތުން އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިމިނަތު ރަޝީދާ އަކީ ވިލިމާލޭގައި ދިރިއުޅޭ އަދި އަމިއްލަ ވިޔަފާރި އެއްވެސް ހިންގާ މީހެކެވެ.