އިންޑީޔާގެ ވެސްޓް ބެންގާލްގެ މުރްޝީދުއާބާދުގެ 100 އަހަރުގެ ފިރިހެނަކު އޭނާގެ 90 އަހަރުގެ އަނބިމީހާ އާ އަލުން ކައިވެނި ކޮށްފި އެވެ. އަނބިމީހާ އާ ކޮށްފައިވާ ކައިވެނި އަލުން އާ ކުރަން އެމީހާ ނިންމީ އަލަތު ކައިވެންޏަށް 70 އހަރު ފުރުނު އުފާވެރި މުނާސަބަތާ ގުޅުވައިގެންނެވެ.
ބިސްވަންތު ސަރްކާރް އޭނާގެ އަންހެނުން ސުރޯދަނީ ސަރްކާރް އާ ދެ ވަނަ ފަހަރަށް ކައިވެނި ކުރި ދުވަހަކީ އޭނާގެ 100 ވަނަ އުފަން ދުވަހެވެ. އެހެންވެ މި ދުވަސް ޚާއްސަ ކޮށްލަން އޭނާ ބޭނުންވީ އެވެ.
ބިސްވަންތު އާއި ސުރޯދަނީ ދެ ވަނަ ފަހަރަށް ކައިވެނީގެ ރަސްމިއްޔާތު ބޭއްވިއިރު އެ ދެ މީހުންގެ ދަރިންނާއި މާމަ / ކާފަ ދަރިން އަދި މުނިމާމަ / މުނިކާފަ ދަރިން ވެސް މިތަނުގައި އުފާފާޅު ކުރަން އެއްވެ ތިއްބެވެ.
މި ކައިވެނީގެ ދައުވަތު 700 މީހުންނަށް ދީފައި ވެއެވެ. އަދި މި އެންމެންނަށް ކެވޭނެ އިންތިޒާމް ވަރަށް ފުރިހަމައަށް ކޮށްފައި ވެއެވެ.
ބިސްވަންތު އާއި ސުރޯދަނީގެ އަލަތު ކައިވެނި ކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. މި ކައިވެންޏަށް 70 އަހަރުވީއިރު މި ދެމަފިރިންނަށް ހަ ފިރިހެން ދަރިންނާއި ތިން އަންހެން ދަރިން ލިބިފައި ވެއެވެ. އަދި މި ހުރިހާ ދަރިން ކައިވެނިކޮށް އެމީހުންނަށް ދަރިން ލިބި އެ ދަރިންނަށް ވެސް ދަރިން ލިބިފައި ވެއެވެ.
މި ދެމަފިރިންގެ ގިނަ ދަރިން ދިރިއުޅެނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ނަމަވެސް މި ޚާއްސަ މުނާސަބަތު ފާހަގަ ކުރުމަށް ހުރިހާ ދަރިން ވެސް އެނބުރި ރަށަށް އައިސްފައި ވެއެވެ.
މި ދެމަފިރިންގެ ފިރިހެން ދަރިންގެ ތެރެއިން ބައެއް ދަރިން ބުނި ގޮތުގައި ދުވަހަކު ވެސް އެމީހުންގެ މައިންބަފައިން ޒުވާބުކުރި ހަނދާނެއް އެމީހުން ނުވެ އެވެ. އަދި މަންމަ އާއި ބައްޕަ އަބަދުވެސް އެކަކު އަނެކަކާ ވާހަކަ ދައްކާނީ އުފާވެރި ހިނިތުންވުމަކާ އެކު ކަމަށް އެމީހުން ބުންޏެވެ.
"އަހަރެމެންނަށް ގަބޫލު ކުރެވުނު ގޮތުގައި އަހަރެމެންގެ މައިންބަފައިންގެ އުފާވެރި އަދި ގިނަ ދުވަސްވީ ކައިވެންޏަކީ މިހާރުގެ ޖެނެރޭޝަނަށް ވަރަށް ރަނގަޅު މިސާލެއް. އެހެންވެ މި ކައިވެންޏަށް 70 އަހަރު ފުރުން ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމީ. އަދި ޚާއްސަކަމެއްގެ ގޮތުގައި ކައިވެނީގެ ވައުދު އަލުން އާކޮށްލައި އަލުން ކައިވެނި ކުރާ ގޮތަށް ހަމަޖެއްސީ،" ބިސްވަންތު އާއި ސުރޯދަނީގެ ދަރިން ބުނެފައި ވެއެވެ.
ދެމަފިރިންގެ މާމަ / ކާފަ ދަރިއެއް ކަމަށްވާ ޕާޔަލް ސަރްކާރް ބުނި ގޮތުގައި އޭނާގެ މާމަ އާއި ކާފަގެ އުފާވެރި ކައިވެނިން ވަރަށް ބޮޑު އުފަލެއް އެމީހުންނަށް އިހްސާސްވެ އެވެ. އަދި އެމީހުން ދެ ވަނަ ފަހަރަށް ކައިވެނިކުރި މި އުފާވެރި ދުވަސް އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އެވެ.