ބަނގުރާ ވިއްކާ ވިޔަފާރި ކުރުމުގައި 525 ބިދޭސީއަކު ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފި އެވެ. ފުލުހުން ވަނީ ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަަސައްކަތްތަކުގެ ތަފްސީލް ނޫސްވެރިންނާއި ހިއްސާކޮށްފައެވެ.
ފުލުހުން ބުނީ 2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ބަނގުރާ ވިއްކާ ވިޔަފާރި ކުރުމުގައި 525 ބިދޭސީން ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ޑްރަގް ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި 146 ބިދޭސީއަކު ބައިވެރިވެފައިވާ ކަމަށެވެ.
އަދި މިދިޔަ ތިން އަހަރުތެރޭގައި މަސްތުވާތަކެތި ދިރުވާލައިގެންނާއި އެ ނޫން ގޮތްގޮތަށް އެތެރެކުރަން އުޅުނު 28 މައްސަލައެއްގައި 41 ބިދޭސީއަކު ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެެނެނީ ބްރެޒިލްގެ 10 މީހަކާއި ޕާކިސްތާނުގެ ނުވަ މީހަކާއި ބަންގާޅުގެ ހަތް މީހަކާއި އިންޑިއާގެ ފަސް މީހަކާއި ސްރީލަންކާ އާއި އޮސްޓްރިއާ އާއި ކޮސްޓަރިކާ އާއި އިކްއެޑޯ އާއި ކެންޔާ އާއި ލެތްވިއާ އާއި ސިންގޫރު އަދި ތައިލެންޑް މީހަކާއި ޔޫކޭ މީހެކެވެ.
މީގެ އިތުރުން މާލޭގައި ހިންގާ ޑްރަގް ކެފޭތަަކުން އާންމުކޮށް ހިދުމަތް ހޯދާ 139 ބިދޭސީއަކު ފާހަގަ ކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ ބަންގާޅަށް ނިސްބަތްވާ 134 މީހަކާއި އިންޑިއާގެ ތިން މީހަކާއި ސްރީލަންކާހެ ދެ މީހެކެވެ.
ޑްރަގް ކެފޭތަކުން އާންމުކޮށް ހިދުމަތް ހޯދާ 1118 ދިވެހީން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި މީހުންގެ ތެރެއިން 305 މީހުންނަކީ ޑްރަގް ފަރުވާއިން ވަކިކޮށްފައިވާ މީހުންނެވެ. އަދި 141 މީހަކީ ދެވަނަ ހުކުމެއް ކޮށްފައިވާ މީހުން ކަމަށެވެ. މައްސަލަ އަނބުރާ ފޮނުވާލާފައިވާ 101 މީހަކުވެސް މީގެ ތެރޭގައި ހިމެނެއެވެ.
އަދި ޑްރަގް ކެފޭތަކަށްދާ މީހުންގެ ތެރެއިން 217 މީހަކީ ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް ކޯޓްތަކުން އަމުރުކޮށްފައިވާ މީހުންނެވެ.
މި މީސްމީހުން ނިސްބަތްވާ ރަށްރަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެންމެ ގިނައީ މާލެއަށް ނިސްބަތްވާ މީހުންނެވެ. އަދި ޑްރަގް ކެފޭތަކަށްދާ އަންހެނުންގެ ނިސްބަތްވާއި ފިރިހެނުންގެ ނިސްބަތްވެސް ހާމަކޮށްފައިވެއެވެ.