ޔުކްރޭންގެ މައި ސަރުކާރުން ވަކިވެ މިނިވަންކަން އިއުލާން ކުރަން މަސައްކަތްކުރާ ދޮންބާސް ސަރަހައްދުގައި ހިމެނޭ ޑޮނެސްކް ޕީޕަލްސް ރިޕަބްލިކާއި ލުހާންސްކް ޕީޕަލްސް ރިޕަބްލިކްްް އަކީ މިނިވަން ދެ ދައުލަތް ކަމަށް ރަސްމީކޮށް ރަޝިއާ ބަލައިގެންފި އެވެ.
ރަޝިއާއާ އިންވެގެން އޮތް ޔުކްރޭންގެ ދޮންބާސް އޮންނަނީ ރަޝިއާއާ ބިމުން ގުޅިފަ އެވެ. ޚަބަރުތައް ބުނާ ގޮތުން ރަޝިއާގެ ރައީސް ލަޑިމިއަރު ޕޫޓިން މިހާރު ވަނީ އަސްކަރިއްޔާ ހަރަކާތްތެރިވުމަށް އަމުރު ކުރައްވާފަ އެވެ.
ދޮންބާސްއަށް އަރައި ސުލްހަ ބަލަހައްޓަން ރަޝިއާގެ އަސްކަރީ ބާރުތަކަށް ޕޫޓިން އަމުރު ކުރައްވާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ޑޮނެސްކާއި ލުހާންސްއަކީ މިނިވަ ދެ ދައުލަތް ކަމަށް ނިންމަވައި ރަޝިއާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. ގާނުނު ހަދާ މަޖިލީހުން ފާސް ކުރުމާއެކު އެ ދެ ސަރަހައްދާއެކު ރަޝިއާ މުއާމަލާތް ކުރާނީ ވަކި ސަރުކާރަކާ މުއާމަމާތްކުރާ ގޮތަށެވެ.
ޕޫޓިންގެ މި ނިންމެވުމާ މެދު މުޅި ދުނިޔެ އޮތީ ކަންބޮޑުވެފަ އެވެ. ރަޝިއާ އާއި ޔުކްރޭނާ ދެމެދު ޚިޔާލު ތަފާތުވެ ހުޅުހިފާފައި ވަނިކޮށް، ޔުކްރޭންގެ ބައެއްގެ ގޮތުގައި ދުނިޔެ ބަލައިގެންފައި އޮތް ސަރަހައްދެއް، މިނިވަން ދައުލަތެއް ކަމަށް ނިންމައި މުއާމަލާތް ކުރަން ފެށުން ވާނީ ހުޅުގަނޑަށް ދަރު އެޅުން ކަމަށެވެ.
ދޮންބާސް އަކީ ބިމުގެ ގޮތުން ޔުކްރޭނަށް ނިސްބަތްވާ ސަރަހައްދެއް ނަމަވެސް މައި ސަރުކާރުގެ ބާރު އޮންނަނީ ކެނޑިފަ އެވެ. ޔުކްރޭނުން ވަކިވެ ގަތުމަށް ހަނގުރާމަކުރާ ޖަމާއަތްތަކުން ޔުކްރޭންގެ އަމަން ބަލަހައްޓާ ބާރުތަކަށް ތަބައެއް ނުވެ އެވެ.
އެމެރިކާ އާއި އިނގިރޭސިން ބުނާ ގޮތުން ދޮންބާސްގައި ހަމަނުޖެހުން ހިންގަނީ ރަޝިއާ ބުނެގެނެވެ. ދޮންބާސްގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ރަޝިއާ މަދަދުވެރިވާ ކަމަށް ވެސް ހުޅަނގުން ބުނެ އެވެ.
ރަޝިއާ އާއި ޔުކްރޭންއާ ދެމެދު މިހާރު އޮތް މައްސަލަ ބޮޑުކުރީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ނޭޓޯ ގައުމުތަކުންނެވެ. މިއީ އެ ތިން ބައިގަނޑު ގުޅިގެން ގަސްދުގައި އުފައްދާފައި އޮތް ހާލަތެެކެވެ.
ޔުކްރޭނަށް އެހީވުމަށް ކަމަށް ބުނެ ނޭޓޯ ސިފައިން އެގައުމުގައި ތިބުމާއި، ނޭޓޯ މެމްބަރުކަން ޔުކްރޭނަށް ދޭނެ ކަމަށް ތަކުރާރުކޮށް ބުނަމުން ދެންދިއުމުގެ ނަތީޖާ މިހާރު އެއޮތީ ފެންނާށެވެ.
އެމެރިކާ އާއި ނޭޓޯގެ ކިބައިން ރަޝިއާ އެދުނީ ރަޝިއާއާ އެހާ ގާތުގައި ނޭޓޯ ސިފައިން ނުތިބުމަށެވެ. ރަޝިއާ އަކީ ވެސް ވިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި ރާޝީއާ ކުރާ ހުރިހާ ކަމަކަށް ފާރަލާ ބަޔަކު އެސަރަހައްދުގައި ތިބުމަކީ ރަޝިއާއަށް ވަރަށް ދަތިވާނެ ކަމެއް ކަމަށް ވެސް އޮތީ ބުނެފަ އެވެ.
އެހެން ނަމަވެސް ރަޝިއާގެ ކަންބޮޑުވުންތަކަށް އެމެރިކާއީ އިނގިރޭސިވިލާތް އަދި ނޭޓޯއިން ވެސް އަޅައެއްނުލި އެވެ. އޭގެ ބަދަލުގައި ބުނީ ނޭޓޯގެ މެމްބަރަކަށް ވުމަށް އެދޭ ކޮންމެ ގައުމަކަށް ޝަރުތު ފުރިހަމަވާ ނަމަ ފުރުސަތު އޮންނާނެ ކަމަށާއި އެއީ މާނާކުރެން އޮތް ކަމެއް ނޫން ކަމަށެވެ.
ރަޝިއާގެ މި އަމަލަށް އަދަބު ދިނުމަށް އދ. ވެސް ހިމެނޭ ގޮތުން ދުނިޔޭގެ ބާރުތަކުން މިހާޜު ގެންނީ ބައްދަލުވުންތައް ބާއްވަމުންނެވެ.
އިގުތިސޯދީ ގޮތުން ރަޝިއާއަށް ދަތިކުރުމާއި މާލީގޮތުން -- ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ގެއްލުވާލުމަށް ވެސް ދަނީ ގޮވާލައި މަޝްވަރާ ކުރަމުންނެވެ.
ރަޝިއާއާ ގުޅުން އޮތް އެއްވެސް ސަރަހައްދެއްގައި ހުޅަނގުން އިންވެސްޓްކޮށްފައި ހުރިތޯ ބަލާނެ ކަމަށް ބުނެ އެކަމުން ވެސް ރަޝިއާ އެކަހެރި ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.