އެއާ ފްރާންސް މިވަގުތު ޔުކްރޭނަށް ދަތުރު ނުކުރާނެ ކަމަށް އެއާލައިނުން ބުނެފި އެވެ. އޮފިޝަލް ބުނީ މަޝްރަހުގައި ހުރީ ކަސްޓަމަރުން ބިރުގަންނަ ޒާތުގެ ވާހަކަތައް ކަމަށެވެ.
ޔުކްރާން އާއި ރަޝިއާ ބޯޑަރުގައި ހަނގުރާމައިގެ ކުލަވަރު ޖެހި ދެގައުމުގެ ގުޅުން ނުތަނަވަސްވެފައި އޮތް ދަނޑިވަޅެއްގައި ކަސްޓަމަރުން ގޮވައިގެން ޔުކްރޭންގެ ވެރިރަށް ކީއްޔެވްއަށް ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް އެއާ ފްރާންސުން ބުނެ އެވެ.
އެއާ ފްރާންސުން ބުނީ ދަތުރުތައް މިވަގުތު ހުއްޓާލި ނަމަވެސް، މަޝްރަހަށް އަންނަ ބަދަލުތަކަށް ބަލައި ދަތުރުތައް ފެށުމާ މެދު ވަކި ގޮތެއް އިޚުތިޔާރު ކުރާނެ ކަމަށެވެ.
އަދި ބުނީ ފްރާންސުން ޔުކްރޭނަށް އަދި ޔުކްރޭނުން ފްރާންސަށް ވެސް އެއާ ފްރާން ދަތުރު ނުކުރާނެ ކަމަށެވެ.
އެއާ ފްރާންސް ކަސްޓަމަރުންނަށް ކިއްޔެވް އަކީ މަގުބޫލް މަންޒިލެކެވެ. ޕަސެންޖަރުން ގޮވައިގެން އެއާ ފްރާންސުން އާންމު ހާލަތުގައި ހަފުތާއަކު ދެދަތުރު ކުރެ އެވެ. އެއީ އާދީއްތަ އަދި އަންގާރަ އެވެ.
ފްރާންސުން ވަނީ ޔުކްރޭންގައި ތިބި އެގައުމުގެ ރައްޔިތުން ފޭބުމަށް ގޮވާލާފަ އެވެ. ޔުކްރޭން ދޫކޮށް ރައްކާތެރި ތަނަކަށް ނުވަތަ ގައުމަށް ދިއުމަށް ގޮވާލާފަ އެވެ.
ފްރާންސް ވެސް ހިމެނޭ ގޮތުން ޔޫރަޕާއި އެމެރިކާ ގަބޫލު ކުރާ ގޮތުން ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހަމަ ކުއްލިއަކަށް ވެސް ހަނގުރާމަ ފެށިދާނެ އެވެ.
އެމެރިކާ އާއި އިނގިރޭސިން ބުނާ ގޮތުން ރަޝިއާއިން ޔުކްރޭން ބޯޑަރަށް އަސްކަރީ ފައުޖުތައް ޖަމާކުރަނީ އެގައުމަށް އަރައިގަތުމަށެވެ. އެހެން ނަމަވެސް ރަޝިއާ އެކަން ދޮގުކުރެ އެވެ.
ޔުކްރޭން މިހާރު އޮތް ހާލަތުން އެއާ ފްރާންސްގެ ފްލައިޓްތަކުގައި އެގައުމަށް ޗުއްޓީއަށް ދަތުރުކުރާ ޓޫރިސްޓުން ޔޫރަޕްގެ އެހެން މަންޒިލެއް މިވަގުތު އިޚުތިޔާރު ކުރަން ފެންނަ ކަމަށް އެއާ ފްރާންސުން ވަނީ ބުނެފަ އެވެ.