ރައީސް މުހައްމަދު ނަޝީދު

ގާނޫނު އަސާސީ އިސްލާހުކުރަން ޕާޓީތަކާ މަޝްވަރާކުރަން ޖެހޭ: ނަޝީދު

ގާނޫނު އަސާސީ އިސްލާހުކުރަން އެހެން ޕާޓީތަކާ މަޝްވަރާކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިސްލާހުކުރަން އިދިކޮޅުން ހުށަހެޅި ބިލުގެ ބަހުސްއާ ގުޅޭ ގޮތުން ރިޔާސަތުގައި އިންނަވައިގެން މިއަދު ދެއްކެވި ވާހަކަ ފުޅުގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނާން ޖެހޭ އިސްލާހުތައް އެބަހުރި ކަމަށާއި އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި މިވަގުތު އޮތް ނަމަވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގައި ހުރިިހާ ޕާޓީތަކުން އެއްބަސްވެވޭ ގޮތަށް އިސްލާހުތައް ގެނައުން ބުއްދިވެރި ކަމަށެވެ.

އަދި އެ މަސައްކަތް ކުރިއަށް ގެންދާނީވެސް މި އުސޫލުގެ ތެރެއިން ކަމަށް އުއްމީދު ކުރައްވާ ކަމަށެވެެ.

"އަޅުގަނޑު ހަނދާންވާގޮތުގައި ދިވެހި ޑިމޮކްރެޓިކް ޕާޓީގެ މަޖިލީހުން ވަނީ ގާނޫނު އަސާސީ އިސްލާހުކުރުމާ ގުޅޭ ގޮތުން އެ ބޭފުޅުން މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލައިފައި. އެެހެންވީމާ އެ ތާވަލަށް ވެސް ބަލާ އެހެން ޕާޓީތަކުންބެސް މިކަމުގައި ދެކޭ ގޮތަކީ ކޮބައިތޯވެސް ބެލުން ބޭނުން ތެރި." ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބޭގޮތަށް ޕީޕީއެމް/ޕީއެންސީ ހުށަހެޅި ނަމަވެސް އެމްޑީޕީގެ ގިނަ މެމްބަރުން މި ބިލާ ދެކޮޅެވެ. އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީއަށް ވަކި ވަކި އިސްލާހު ގެނައުމަށް ވުރެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުން މާބޮޑަށް ވެސް އައުލާކަން ބޮޑެެވެ.

ބިލާ ގުޅޭ ގޮތުން މީގެ ކުރިން ރައީސް ނަޝީދު ވިދާަޅުވީ ސިޔާސީ ބާރުވެރިކަން ފޯރުވަންޖެހޭ މިންވަރަށް ފޯރުވުމުގެ ގޮތުން ޖޭއެސްސީގައި ސިޔާސީ މީހުން ތިބުން މުހިންމު ކަމަށެވެ.

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބޭތީ އެއީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވޭނެ ގޮތެއް ކަމަށް ބުނެ ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބިލަށް ޕީޕީއެމް/ޕީއެންސީގެ އިތުރުން މޯލްޑިވިސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ވެެސް ތާއިދު ކުރެއެވެ.