ޅަފަތުގައި ކުދިންނަށް މާދަރީ ބަހުން އުގަންނައިދިނުން މުހިއްމު ކަމުގައި އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ބަހުން ފޮނުއްވި ވީޑިއޯ މެސެޖެއްގަ އެވެ.
ޝާހިދުގެ މެސެޖުގައި ވިދާޅުވީ ޅަފަތުގައި ކުދިންނަށް އުގަންނައިދޭ ތައުލީމަކީ މާދަރީ ބަހުގެ މައްޗަށް ބިނާވެފައިވާ ތައުލީމަކަށް ވާންޖެހޭ ކަމަށް ގަބޫލުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މާދަރީ ބަހުން ކިޔަވައިދިނުމުގެ ސަބަބުން ކިޔަވަން ބޭނުންވާ މިންވަރާއި އުގެނޭ މިންވަރު އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައިވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުގައި 45 ގައުމަށް ނިސްބަތްވާ މުވައްޒަފުން މަސައްކަތް ކުރައްވާއިރު މާދަރީ ބަހުގެ ދުވަހު ލިބޭ އެންމެ ބޮޑު ފަހުރަކީ އެ ހުރިހާ މުވައްޒަފުން، އެ ބޭފުޅުންގެ އަމިއްލަ ބަހުން ދުވަހުގެ ތަހުނިޔާ ދެންނެވުން ކަމަށެވެ.
ޝާހިދުގެ ވީޑިއޯ މެސެޖުގައި އދގެ މައި މަރުކަޒުގައި މަސައްކަތް ކުރައްވާ ދިވެހިންގެ އިތުރުން 45 ގައުމަކަށް ނިސްބަތްވާ ބޭފުޅުން 30 ބަހަކުން ދުވަހުގެ ތަހުނިޔާ ފޮނުވާފައިވެ އެވެ.
އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ބައެއް ބައްދަލުވުންތަކުގައި މީގެކުރިން ޝާހިދު ވަނީ ދިވެހިން ބަހުން ވާހަކަދައްކަވާފަ އެވެ.
އދ.ގެ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެސް އެންމެ ފަހުން ތަގުރީރު ކުރެއްވީ ދިވެހި ބަހުންނެވެ.
ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ގިނަބަސް އެނގުމުގައި ފަންނިއްޔާތު ބޭނުންކުރުން: ގޮންޖެހުންތަކާއި ފުރުސަތުތައް" އެވެ.
މިޝިއާރަށް އިޝާރާތް ކުރައްވާ ފަންނާއި ސަގަފާތާ ބެހޭ ވަޒީރު ޔުމްނާ މައުމޫން ރޭ ވިދާޅުވީ މިއަހަރުގެ ޝިއާރަށް ބަލާއިރު މިހާރަށް ވުރެ ބޮޑަށް ޓެކްނޮލޮޖީ އާއި ދިވެހިބަސް ރައްޓެހިވާން ޖެހޭ ކަމަށެވެ.