ޕީސީބީ

އާސިމްއަށް މަޖިލީހުން ރުހުން ދީފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް ގ. މެޒަރިން، އާސިމް މުހައްމަދު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެެވެ.

އޭނާ އެ މަގާމަށް ހަަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ވެސް މިމަހުގެ 15 ވަނަ ދުވަހު އޮތީ ފާސް ކޮށްފަ އެވެ. އަދި އާސިމްއަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ވަނީ ވޯޓު ނަގައިފަ އެވެ.

އާސިމް އައްޔަނުކުރަން ފެންނަކަަމަށް 55 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ޕީސީބީގެ ރައީސްގެ މަގާމަށް އާސިމް ހަމަޖެއްސީ އެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އަދި މަޖިލީހުގެ މި ދައުރު ފެށުމާއެކު އާސިމްއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވި އެވެ.

ކުންފުނިތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުން މަތިކޮށްފައިވާ މިނިވަން ވުޒާރާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީސީބީ އަށް ރައީސެއް ހަމަޖެއްސީ ކުރިން އެ ތަނުގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ވަހީދު އިސްތިއުފާ ދެއްވުމުންނެވެ.

އާސިމްގެ އިތުރުން ޕީސީބީގެ ބޯޑުގައި މިހާރު ތިއްބަވަނީ އައިޝަތު ޝާޒްލީ އާއި އަލީ ޝަފީއު އާއި އަހްމަދު ޝަރީފް ޔޫސުފުގެ އިތުރުން ރުޝާހާ އަހަމްދު ޝަރީފް އާއި އަލީ ސުޖާއު އެވެ.

ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މިއަހަރު ބަޖެޓުގައި ހިމަނާފައިވެ އެވެ.