ރައްޔިތުންގެ މަޖިލިސް

އާޒާދުއަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި ހއ. ކެލާ، ކޮކާގެ، މުހައްމަދު އާޒާދުއަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ -- އެސްއޯއީ ކޮމިޓީއަށް ފޮނުވައިފި އެވެ.

އާޒާދުއަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި މައްސަލަ އެސްއޯއީ ކޮމިޓީއަށް ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

އެކައުންޓަންޓް ޖެނެރަލްގެ މަގާމުގައި ހުންނެވި އާޒާދުއަކީ ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މާސްޓާ އޮފް ސައިންސް އިން ފައިނޭންސް ހައްދަވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާ އަކީ ސީއެފްއޭ ޗާޓަ ހޯލްޑަރެކެވެ.

އާޒާދު އަދާކުރެއްވި މަގާމުތައް

  • އެސްއޯއީ ރިފޯމު ކޮންސަލްޓަންޓް - ފިނޭންސް މިނިސްޓްރީ
  • އެސްއޯއީ ފައިނޭންޝަލް ކޮންސަލްޓަންޓް - ފިނޭންސް މިނިސްޓްރީ
  • ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސް - ހަޒާނާ މޯލްޑިވްސް
  • ހެޑް އޮފް އިންޓެލިޖެންސް ޑިޕާޓްމަންޓް - އޭސީސީ
  • ބޯޑު މެންބަރު - މޯލްޑިވްސް އިސްލާމިކް ބޭންކް

ޕްރައިވެޓައިޒޭޝަން ބޯޑު އެކުލެވިގެންވަނީ ބޯޑުގެ ރައީސް އާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތް މެންބަރުންގެ މައްޗަށެވެ.

ބޯޑަށް މެންބަރުން އައްޔަންކުރަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުންނެވެ.