ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް އެ ކޮމިޝަން އެކުލަވާލުމަށް އިދިކޮޅު މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށަހެޅުއްވި އިސްލާަހުގެ ބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ޖޭއެސްސީ އިސްލާހުކުރުމަށް ތޯރިގު މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހެޅުއްވި ބިލް މަޖިލީހަށް ތައާރަފްކޮށް އެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ ނޮވެމްބަރު ދެވަނަ ދުވަހު އެވެ. ތޯރިގު މީގެކުރިން އެ ބިލް ހުށަހެޅުއްވުމުން އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އޭރު ވަނީ ބިލް ބޭރުކޮށްލާފަ އެވެ
އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވަން މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ ވޯޓު ނަގައިފަ އެވެ. ނަމަވެސް ބިލު ކޮމިޓީއަށް ފޮނުވަން ވޯޓު ދެއްވީ އެންމެ 11 މެމްބަރުން ނެވެ. ނުފެންނަކަަމަށް 46 މެމްބަރަކު ވޯޓު ދެއްވި އިރު އެއް މެމްބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.
އެހެންކަމުން ބިލު ކޮމިޓީއަށް ބަލައިގަންނަން ފާހެއް ނުވި އެވެ.
އެ ބިލަށް ޕީޕީއެމް/ޕީއެންސީ ފިޔަވައި ތާއިދު ކުރީ މޯލްޑިވްސް ނެޝަނަލް ޕާޓީއިން އެކަންޏެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ބިލާ ދެކޮޅުކަން ހާމަކުރައްވައިފަ އެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް
- ރައްޔިތުންގެ މަޖިލީހުގެ ރައީސް
- ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު
- ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
- ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރަކު
- އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު
- ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު
- ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
- ބަންޑާރަނައިބު
- ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު
ޖޭއެސްސީ އިސްލާުކޮށް އަލުން މެމްބަރުން އެކުލަވާލަން ހުށަހެޅި ގޮތް
- ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާ އެކު މުސްކުޅިކޮށްފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
- ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް
- ވަކީލުންގެ ތެރެއިން އިންތިހާބުކުރާ އަންހެން ވަކީލެއް
- ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
- ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
- ތައުލީމީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
- ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
- ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ވެސް ޖޭއެސްސީ އިސްލާހުކުރާނެކަމަށް އެމްޑީޕީން ވައުދުވި އެވެ.