އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް ހަފްތާ ބަންދާ ދިމާކޮށް ގއ. ވިލިގިއްޔަށް ވަޑައިގަތުމަށް ނިންމަވައިފި އެެވެ.
ރައީސް ޔާމިން ވިލިގިއްޔަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް ޔާމީން ވަޑައިގެން ވިލިނގިލީގައި ބާއްވާ ހަރަކާތުގައި ބައިވެރިވާން ގއ. އަތޮޅުގެ އެހެން ބައެއް ރަށްތަކުގައި ތިބި އިދިކޮޅު ސަޕޯޓަރުން އެ ރަށަށް ދިއުމަށްވެސް ހަމަޖެހިފައިވެ އެވެ.
ރައީސް ޔާމީން މިނިވަންވި ފަހުން އިންޑިއާ އައުޓްގެ ހަރަކާތްތައް އަތޮޅުތަކުގެ ތެރެއަށް ފުޅާ ކުރައްވައި، ރަށް ރަށަށް ވެސް ވަނީ ވަޑައިގަންނަވަން ފައްޓަވާފަ އެވެ. މާލެ އަތޮޅުގެ ރަށްތަކުން އެމަނިކުފާނު ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި ރ. އަތޮޅު އަދި ފ. އަތޮޅުގެ ބައެެއް ރަށްތަކުގައި ކުރިއަށް ގެންގޮސްފަ އެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެން އެންމެ ފަހުން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދިޔައީ ރ. މީދޫގަ އެވެ.
އިންޑިއާ އައުޓްގެ ހަރަކާތްތައް އިދިކޮޅުން މުޅި ރާއްޖެއަށް ފުޅާކުރަމުންދާއިރު މި ހަރަކާތް ގާނޫނީ ގޮތުން ހުއްޓުވައި ކުށަކަށް ހަދަން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ އެމްޑިޕީން ވަނީ މަސައްކަތް ފަށާފަ އެވެ. އެގޮތުން ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ޑްރާފްޓް ކޮށްފައިވާ ބިލެއް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ދަނީ މަޝްވަރާކުރަމުންނެވެ.
އިންޑިއާ އައުޓް ހަރަކާތާ ގުޅޭ މައްސަލައެއް މަޖިލީހުގެ 241 ކޮމިޓީން ވެސް ދަނީ ބަލަމުންނެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރާއި މަޖިލީހުން ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން ދިޔަ ނަމަވެސް އިދިކޮޅުން ބުނީ އެ ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ.