އެޗްޑީސީ

ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން ފަހުގެ މުއްދަތެއް

ހުޅުމާލޭގެ ދެ އަވަށުގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަަހައްޓާފައިވާ ތަކެތި ނަގަން އެ ރަށުގެ ބެލެނިވެރިކަން އޮތް ހުޅުމާލެ ޑިވެލޮޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުން ކުރިއަށް ގެންދަން ނިންމާފައިވާ ހާބާ 1 އަދި ހާބާ ދެ އަކާއި ޗެނަލް 2 ޕްރޮޖެކްޓް ފެށުމަށްޓަކައި ބިން ހުސްކޮށް ކޮންޓްރެކްޓަރާއި ހަވާލު ކުރުމުގެ މަސައްކަތް މާޗް މަހު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ހުޅުމާލެ ފުރަތަމަ އަވަށާއި ދެވަނަ އަވަށުގައިވާ ހުސް ބިންތަކުގައި އެ ކުންފުނީގެ ހުއްދަ ނެތި ތަކެތި ބަހައްޓާ ބިން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުން އެ ތަކެތި ނެގުމަށް ޖަނަވަރީ 18 އާ ހަމައަށް ކުރީން އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެ އެންގުމާ އެއްގޮތަށް ބައެއް މީހުން ބަހައްޓާފައި ތަކެތި ނަގާ ބިން ހުސްކޮށްފައިނުވާ ކަމަށެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީން ފަށަން ނިންމާފައިވާ ޕްރޮޖެކްޓްތަކަށް ބިން ސާފު ކުރުމުގެ މަސައްކަތް ފެބްރުއަރީ 27 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން އޭގެ ކުރީން އެތަކެތި ނެގުމަށެވެ.

އެ މުއްދަތުގައި ނުނަގައިފިނަމަ އެއީ ވެރި ފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައިވާ އެ ތަކެއްޗާމެދު އެޗްޑީސީއަށް ފެންނަ ގޮތަކަށް އަމަލު ކުރާނެ ކަމަށާ އެފަދަ ތަކެއްޗަށް ވާ ގެއްލުމަށް ޒިންމާވެސް ނުވާނެ ކަމަށެވެ.