އިންޑިއާ އަށް ބޭސްފަރުވާ އަށް ދިޔަ ތަނުން ހައްޔަރުކުރި އައިމިނަތު ރަޝީދާގެ މައްޗަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ. އެ އިދާރާއިން ބުނީ ތަހުގީގުގައި މިހާތަނަށް ގިނަ މައުލޫމާތުތަކެއް ހޯދިފައިވާ ކަމަށެވެ.
ބ. އޭދަފުށްޓަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ އައިމިނަތު ރަޝީދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މިމަހުގެ 15 ދުވަހު އެވެ.
އިންޑިއާގެ ކެރަލާގައި އުޅޭ ބަޔަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައިމިނަތު ރަޝީދާއަށް އެޑްރެސްކޮށް ފޮނުވި ޕާރްސަލެއްގައި ހުރި މަސްތުވާތަކެއްޗާ އައިމިނަތު ރަޝީދާއާ ގުޅުމެއްވާ ކަމަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ތުހުމަތުކުރެ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވިފައިވަނިކޮށް އިންޑިއާ އަށް ދިޔަ ތަނުން އެއާޕޯޓުންނެވެ. އެ މައްސަލައާ ގުޅޭގޮތުން އެންސީބީގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ މުހިންމު މައުލޫމާތުތަކެއް އާންމުކޮށްފައެވެ.
އެންސީބީއާ ހަވާލާދީ ނޫސްތަކުން ބުނި ގޮތުގައި ރަޝީދާއަކީ ޑްރަގް ވިޔަފާރީގެ ދިގު މާޒީއެއް އޮތް މީހެކެވެ. އެ ވިޔަފާރީގައި އެކި ގޮތްގޮތުން އޭނާގެ ބައިވެރިވުން އޮތްތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށް އެންސީބީ އިން ތުހުމަތު ކުރެއެވެ. އެކަން ރަޝީދާގެ މައްޗަށް ހިންގަމުންދާ ތަހުގީގުން މިހާރުވެސް ހާމަވެފައިވާ ކަމަށްވެސް އެންސީބީގެ އޮފިޝަލަކު ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގިނަ މައްސަަލަތަކެއްގެ ހެކި ހުރި ކަމަށްވެސް އެންސީބީގެ އެ އޮފިޝަލާ ހަވާލާދީ ރިޕޯޓް ކޮށްފައިވެއެވެ. މީގެ އިތުރުން ރަޝީދާގެ ދަރިއަކުވެސް ޑްރަގް ވިޔަފާރީގެ ތެރޭގައި އުޅެފައިވާ ކަމަަށާ އެފަދަ ތުހުމަތެއްގައި ދިވެހި ފުލުހުންވެސް އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް މި ތުހުމަތުތައް އޭނާގެ އާއިލާއިން ދޮގު ކުރެއެވެ.
އައިމިނަތު ރަޝީދާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރު އޭނާގެ ބަންދަށް ކޯޓުން ވަނީ ތިން ދުވަސް ދީފަ އެވެ.
ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ދެވަނަ ހާޒިރުކުރުމުން މިހާރު ވަނީ އިތުރު 11 ދުވަސް ދީފަ އެވެ.