ދުނިޔެ

ޔުކްރޭނަށް އެހީވާން އެމެރިކާއިން އިތުރު ސިފައިން ފޮނުވަނީ

ވަޔާއި އެއްގަމުން ޔުކްރޭނަށް އެހީތެރިވެ ދިނުމަށް އެމެރިކާއިން އިތުރު ސިފައިން ފޮނުވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

އެމެރިކާގެ އަސްކަރީ އޮފިޝަލަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އޮތީ ޔުކްރޭނަށް އިތުރު ފައުޖުތައް ފޮނުވަން އަމުރު ކުރައްވާފަ އެވެ.

ޔުކްރޭނަށް ފޮނުވާ އެމެރިކާ ސިފައިން ހަރަކާތްތެރިވާނެ ކަމަށް އޮފިޝަލް ވިދާޅުވީ ނޭޓޯ ކޮމާންޑްތަކަށް ތަބާވެ ނޭޓޯގެ ބާރުތަކުން އެކުލަވާ ދިފާއީ ބާރެއް ގޮތުގައި ކަމަށެެވެ.

ރަޝިއާއިން ޔުކްރޭންގެ ދޮންބާސް ސަރަހައްދަށް އަރައި އަމަން ބެލެހެއްޓުމަށް ކަމަށް ބުނެ އަސްކަރީ ބާރުތަކުން ހަރަކާތްތެރި ވަމުން ގެންދާއިރު، ނޭޓޯއިން ފާރަލަމުން ގެންދާނެ އެވެ.

އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނީ އަސްކަރީ ފައުޖުތައް އެއްގައުމެއްގައި ސްޓޭޝަން ނުކުރާނެ ކަމަށާއި އިޓަލީ އާއި ޖަރުމަނަށް ވެސް އެމެރިކާ ސިފައިން ޖަމާވާނެ ކަމަށެވެ. އަދި ކުއްލި ހާލަތްތަކުގައި އުދުހިގެން ދެވޭ ފެންވަރަށް އެފް-35 ގެ ޖެޓްތަކާއި ހެލިކޮޕްޓަރުތައް ހަތިޔާރާއެކު ތައްޔާރު ކުރާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔޫރަޕްގެ އެކި ހިސާބުތަކުގައި އެމެރިކާގެ 90،000 އަށް ވުރެ ގިނަ ސިފައިން އެބަ ތިއްބެވެ. ހަމަލާއަށް ގޮވާލެވޭ ހިނދު އެބަޔަކު ތިބި ތަނަކުން އުދުހިގަނެވޭ ގޮތަށް ތައްޔާރަށް ތިބި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ރަޝިއާއިން ދޮންބާސްގެ ޑޮނެސްކާއި ލުހާންސްކް އަކީ މިނިވަން ދެ ދައުލަތް ކަމަށް ބަލައިގަނެ އެ ސަރަހައްދަށް އަސްކަރީ ބާރުތައް ފޮނުވަން ނިންމި ނިންމުން ދުނިޔެ ވަނީ ކުށްވެރިކޮށްފަ އެވެ.

އެމެރިކާ ބުނާ ގޮތުން ރަޝިއާގެ މި އަމަލަކީ ޔުކްރޭނަށް އަރައިގަތުމެވެ. އެހެންކަމުން ޔުކްރޭން ދިފާއު ކުރުމަކީ އެމެރިކާ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ގައުމުތަކުން ދެކޭ ގޮތުގައި ރަޝިއާ ވަނީ އދ. ޗާޓަރުން ބޭރުވެފަ އެވެ. މިނިވަން ދައުލަތެއްގެ މުސްތަގިއްލުކަން ގެއްލުވާލުމަކީ އެހެން ގައުމަކަށް އޮތް ބާރެއް ނޫން ކަމަށް ވެސް ގައުމުތަކުން ބުނެ އެވެ.

ރަޝިއާ ބުނާ ގޮތުން ހުރިހާ ވެސް މައްސަލައަކީ ޔުކްރޭނެވެ. ރަޝިއާގެ މިނިވަންކަމަށް ގެއްލުންވާ ގޮތަށް ނޭޓޯ ގައުމުތަކަށް ދައުވަތު ދިނުމާއި ހުޅަނގުގެ އަސްކަރީ ބާރުތަތުން ރަޝިއާގެ އިމަށް ޖަމާކުރުމަކީ ޔުކްރޭނުން ހެދި ވަރަށް ބޮޑު ގޯހެކެވެ.