އީރާންގައި މުޅި ދުނިޔެއަށް ސަޕްލައި ކުރެވޭ ވަރަށް ގުދުރަތީ ގޭސް ހުރި ކަމަށް އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވެއްޖެ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި، ގޭސް އެކްސްޕޯޓިން ކަންޓްރީޒް ފޯރަމް (ޖީއީސީއެފް) ގެ ހަވަނަ ސަމިޓްގައި ވާހަކަ ދައްކަވަމުން ރައީސީ ވިދާޅުވީ އީރާންގައި ގުދުރަތީ ގޭހުގެ ބިޔަ ރިޒާވެއް އޮތް ކަމަށާއި ޔޫރަޕް ވެސް ހިމެނޭ ގޮތުން މުޅި ދުނިޔެއަށް ވާވަރަށް އިރާނަށް ގޭސް ސަޕްލައި ކުރެވޭނެ ކަމަށެވެ.
ރައީސީ ވެރިކަމާ ހަވާލުވެ ވަޑައިގެން ގައުމުން ބޭރަށް ކުރައްވާ ހަތަރު ވަނަ ދަތުރުގައި އެކަމަކު ފުރަތަމަ ފަހަރަށް ގަތަރަށް ވަޑައިން އިގުތިސޯދީ ގޮތުން ތަފާތު މައުލޫތަކަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ރައީސީ ވިދާޅުވީ ދުނިޔޭގެ ބާރުތަކުން ގައުމުތަކަށް ދަތިކުރަން އަޅާ ފިޔަވަޅުތަކުގެ ބާރު ކެނޑިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގޭސް އުފައްދާ ގައުމުތަކުން އެކައްޗެއް ކިޔަން ޖެހިފައި އޮތް ކަމަށާއި ދަތި ކުރުންތަކާއެކު އުޅެން ދަސްވެފައިވާ ކަމަށެވެ.
ރައީސީގެ ވާހަކަތައް ހުރީ ރަޝިއާ އާއި ޔުކްރޭނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަމުގެ ސަބަބުން ދުނިޔޭގެ ގޭސް މާކެޓަށް އަތުވެދާނެ ބަދަލަކަށް އަމާޒު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ދުނިޔެއަށް ގޭސް މެދުކެނޑިގެން ނުދިއުމަށްޓަކައި ގޭސް އުފައްދާ ގައުމުތަކުން މިންގަނޑެއް ކަނޑައެޅުން ދެމެހެއްޓެނިވި ކަމަކަށް ވާނެ ކަމަށެވެ.
ރަޝިއާއިން ޔުކްރޭންގެ ދޮންބާސް ސަރަހައްދަށް އަރައި ކޮންޓްރޯލް ކުރަން ފެށުމާއެކު ތެލުގެ އަގުތައް ވަނީ އުފުލިފަ އެވެ. ޔޫރަޕް ގައުމުތައް ފަދަ ގޭހަށް ބަރޯސާކުރާ ގައުމުތަކަށް އެކަށިގެންވާ ވަރަށް ގޭސް ނުލިބުމަކީ ވެސް އޮތް ބިރެކެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕުން ރަޝިއާއަށް ދަތިކުރަން ފިޔަވަޅުތައް އެޅަން ފެށުމާއެކު ރަޝިއާއިން ދުނިޔެއަށް ބޭރުކުރާ ގޭހަށް ބަދަލު އަންނާނެ އެވެ.
އެެހެންކަމުން ތުރުކީ އާއި އަޒަރުބައިޖާން ފަދަ ގައުމުތަކުން ޖެހޭނީ ގޭސް އުފައްދާ ގައުމުތަކާ ގުޅިގެން މާކެޓް ހެޔޮވަރުކުރާށެވެ.