ރަޝިއާގެ ރައީސް ލަޑިމިއަރު ޕޫޓިން ވިދާޅުވަނީ ޔުކްރޭންގެ މައްސަލައަކީ އެހެން ބަޔަކު ލައްވައި ރަޝިއާއަށް ބިރު ދެއްކުން ކަމަށެވެ.
ޕޫޓިން ވިދާޅުވި ގޮތުން ޔުކްރޭންގެ ބިމަށް އެހެން ގައުމުތަކެއްގެ އަސްކަރީ ފައުޖުތައް އަރާ ތިބެ ރަޝިއާއަށް ބިރު ދެއްކުން ނޫން ކަމެއް ނުކުރެ އެވެ. އަދި ވިދާޅުވީ ޔުކްރޭންގެ ސަރުކާރު އޮތީ އެކަމަށް ރުހިގެން ކަމަށެވެ.
އަވައްޓެރިންން ގުޅުން ބަދަހި ކުރުމަކީ ޕޫޓިން ވިދާޅުވި ގޮތުން އެދިވަޑައިގަންނަވާ ކަމެކެވެ. އެހެން ނަވެސް ޔުކްރޭނުން ކަންކުރަނީ ގުޅުން ބަދަހި ކުރެވޭ ގޮތަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ މޮސްކޯގައި ބައްދަލު ކުރައްވައި ޕޫޓިން ވިދާޅުވީ ޔުކްރޭންގެ ކިބާގައި ރަޝިއާއަށް ހަސަދަ އޮންނަ ކަމަށާއި ޝައްކު ކުރަނީ ޔުކްރޭންގައި އޮތް ސަރުކާރު ރަޝިއާ ވައްޓާލައިފާނެ ކަމަށެވެ.
ޕޫޓިން ވިދާޅުވި ގޮތުން ސޯވިއެޓް ޔޫނިއަން ބައިވެ ދިއުމަށް ފަހު އުފެދުނު ކުދި ދައުލަތްތަކަށް ރަޝިއާ ބާރުފޯރުވައި އަރައިގަންނަން އުޅޭ ކަމަށް ބުނެ ދައްކަ ވާހަކަތަކަކީ ބޮޑު ދޮކެކެވެ.
ރަޝިއާގެ ޝައުގުވެރި ކަމުގައި އެއިން އެއްވެސް ކަމެއް ނެތް ކަމަށް ޕޫޓިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔުކްރޭން އަބަދު ވެސް ކަންކުރަނީ ރަޝިއާގެ ސަލާމަތަށް ބިރުހީވާ ގޮތަށް ކަމަށެވެ.
ޕޫޓިން ވިދާޅުވީ ނޭޓޯ ގައުމަކަށް ޔުކްރޭން ވެއްޖެ ނަމަ ބޭރު ގައުމުތަކުން ޔުކްރޭންގައި އަސްކަރީ މަރުކަޒުތައް އަޅާނެ ކަމަށާއި ރަޝިއާއަށް ޖާސޫސް ކުރުން ނޫން ކަމެއް އެމީހުން ނުކުރާނެ ކަމަށެވެ.
ރަޝިއާ އާއި ޔުކްރޭނާ ދެމެދު މިހާރު އޮތް ހާލަތަކީ ބަޔަކު އުފެއްދި ހާލަތެއް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަޝިއާގެ މަސްލަހަތަށް ކުޑައިކޮށް ވެސް ބަލާނުލައި ޖެއްސުން ކުރުމުގައި އެމީހުން ދެމިތިބީ ކަމަށެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން ނޭޓޯގެ ބޮލަށް އެރިގެން ޔުކްރޭން ސަރަހައްދު ހަނގުރާމައިގެ މައިދާނަށް ބަދަލު ކޮށްފައިވާ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ ރަޝިއާގެ ސަލާމަތަށް ނުރައްޖާ ވެއްޖެ ކޮންމެ ހާލަތެއްގައި އެކަށީގެންވާ ގޮތަށް ބާރުތަކުން ހަރަކަތްތެރިވަމުން ގެންދާނެ ކަމަށެވެ.