ރައްޔިތުންގެ މަޖިލިސް

އޯއޭސީޕީއެސްގައި ބައިވެރިވާން ރުހުން ހޯދަން މަޖިލީހަށް

އެފުރިކާއާއި ކެރީބިއަން އަދި ޕެސިފިކް ޤައުމުތަކުގެ މައްޗަށް އެކުލެވޭ ޖަމާޢަތެއް ކަމަށްވާ އޯގަނައިޒޭޝަން ފޯ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓް (އޯއޭސީޕީއެސް) ގައި ރާއްޖެއިން ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވާތީ އެކަމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ޖަމާއަތުގައި ބައިވެރިވާން އެދި ރުހުން ހޯދަން ރައްޔިޔުންގެ މަޖިލީހަށް ރައީސް ސޯލިހު ފޮނުއްވި ސިޓީ މިއަދު މަޖިލީހުގެ ތަޅުމުގައި އަމީން އާަންމު ވަނީ އިއްވަވައިފަ އެވެ.

ވަޒީރުންނާއެކު މަޝްވަރާކުރުމަށް ފަހު އެ ޖަމިއްޔާގައި ބައިވެރިވުމަަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު ނިންމެވިކަމަށް ރައީސްގެ ސިޓީ ފުޅުގައި ވެއެވެ. އަދި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތަށް އެ ޖަމިއްޔާގައި ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުން ދިރާސާކޮށް ގޮތެއް ނިންމަވައި ދެއްވުމަށް ރައީސް އެދިވަޑައިގެންފައި ވެއެވެ.

އެ ސިޓީ ބަލައިގަނެ އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުން ތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

އޯއޭސީޕީއެސް އުފެއްދީ 1975 ވަނަ އަހަރުގައި ސޮއިކުރި މުއާހަދާއެއް ކަމުގައިވާ ޖޯޝްޓައުން އެގްރީމެންޓްގެ ދަށުން ނެވެ. އެ ޖަމިއްޔާގެ މަގްސަދުތަކުގެ ތެރޭގައި ދެމެހެއްޓެނެވި ތަރައްޤީއަށް މަސައްކަތްކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކުރިއެރުވުމާއި ދުނިޔޭގެ އިގްތިސާދީ މައިދާނުގައި މެންބަރު ގައުމުތަކުގެ ހަރަކާތްތެރިކަން އިތުރުކުރުން ހިމެނެ އެވެ.