އޭސީސީ

އޭސީސީގެ މެންބަރު ކަމަށް މަޖިލީހަށް ނަންތައް ފޮނުއްވައިފި

Feb 23, 2022

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވަނީ އަވަސް އަށް އެކަން ޔަގީންކޮށްދެއްވާފަ އެވެ. މަބްރޫކް ވިދާޅުވީ ނަންތައް ހާމަކުރާނީ މަޖިލީހުން ކަމަށެވެ.

އޭސީސީގެ މެންބަރު ކަމަށް ބޭފުޅުން އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ނަންތައް ފޮނުއްވާފައި މިވަނީ ގާނޫނުގައި އެކަން ކުރަން ބުނެފައިވާ މުއްދަތުގެ ފަހުންނެވެ.

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމުން އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ފުރުސަތު ހަމަވުމުން ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތާ އެކު ޖުމްލަ 34 ބޭފުޅަކު އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު ކުރިން ވިދާޅުވެފައިެ އެވެ.

އޭސީސީގެ މެންބަރުންގެ ގޮތުގައި އެންމެ ފަހުން ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ. މި ތިން ބޭފުޅުން އިސްތިއުފާ ދެއްވެވީ މިދިޔަ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އަޝްރަފް އިސްތިއުފާ ދެއްވީ ޑިސެމްބަރު ދެވަނަ ދުވަހު އެވެ. ޝަކީލް އިސްތިއުފާ ދެއްވީ ޑިސެންބަރު 15 ވަނަ ދުވަހު އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހުގެ ރިޔާސަތަށް ހުށަހެޅީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށް ފަހު އެވެ. އޮޑިޓް ރިޕޯޓްގެ ދިފާއުގައި އޭސީސީގެ އޭރުގެ މެންބަރުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އޮޑިޓް އޮފީހުން، އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހަދައި އެކުލަވާލި ރިޕޯޓްގައި ކޮމިޝަންގެ ގިނަ ކަންތައްތަކަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ އޮޑިޓް ހަދާފައިވަނީ އެ ބޭފުޅުންގެ ދައުރުގައި ހިނގި މަސައްކަތްތަކަށް އެކަނި ބަލައިގެން ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

މަޖިލީހުގެ މިދިޔަ އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމާލުމަށް ފަހު މެންބަރުން ޗުއްޓީއަށް ވަޑައިގަތުމުގެ ކުރިން އޮޑިޓް ރިޕޯޓާއެކު އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަަމަށް ނިންމައި އޭސީސީގެ މެމްބަރުން ވަކިކުުރުމަށް ކޮމިޓީން ކުރިން ވެސް އޮތީ ފާސްކޮށްފަ އެވެ. ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިގެން އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހުން އޭރު ނިންމީ އެ މައްސަލާގައި ގޮތެއް ނިންމުމަށް މަޖިލީހުގެ މެންބަރުންތަކެއް ސޮއި ކުރައްވާ މަޖިލީހުގެ ރައީސް އަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ދައުރުން ބޭރުގައި މިދިޔަ ޑިސެންބަރު 16 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށްފަހު އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުން ވަނީ އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ފަށައި އެ މައްސަލަ ކޮމިޓީއަށް ފޮނުވާފަ އެވެ. އޭގެ ފަހުން އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ދެވަނަ ފަހަރަށް ފާސްކުރުމުންނެވެ.