ޔުކްރެއިން

ޔުކްރޭންގައި ތިބި ދިވެހިން ރާއްޖެ އަންނަން ފަށައިފި

ޔުކްރޭންގައި ތިބި ދިވެހިން ރާއްޖެ އަންނަން ފަށައިފި އެވެ. ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ ގައުމުގައި 35 ދަރިވަރުން ކިޔަވަމުން ގެންދާ ކަމަށެވެ.

އޭގެ ތެރެއިން އެއް ދަރިވަރަކު ވަނީ ރާއްޖެ އައިސްފައެވެ. އަދި އިތުރު ހަތަރު ދަރިވަރަކު މިދިޔަ ހުކުރު ދުވަހު އެ ގައުމުން ފުރާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އިތުރު 25 ދަރިވަރުން ރާއްޖެ އައުމަށް ފުރާފައިވާ ކަމަށެވެ. އަދި ޔުކްރޭންގައި ހާލަތު އެންމެ ގޯސް ޚަރްވިކްގައި ތިބި ފަސް ދަރިވަރަކުވެސް ފުރަން ތައްޔާރު ވަމުންދާ ކަމަށެވެ.

ޔުކްރޭންގައި ތިބި ދިވެހިން ރާއްޖެ އަންނަން ފަށާފައި މިވަނީ ޔުކްރޭންގައި ދިރިއުޅޭ ދިވެހިން ރާއްޖެ އަނބުރާ ގެނައުމަށް ރައީސް ސޯލިހް އަންގަވާފައިވަނިކޮށެވެ.

ރަޝިއާއި ހުޅަނގުގެ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގައި ރަޝިއާ އިން ޔުކްރޭނަށް ހަމަލާތަކެއްދީ އެ ގައުމަށް އަރައިގެންފާނެ ކަމަށް ހުޅަނގުގެ މީޑިއާތަކުން ދަނީ ކެނޑިނޭޅި ރިޕޯޓްކުރަމުންނެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ގެންދަނީ ޔުކްރޭންގައި ތިބި އެހެން ގައުމުތަކުގެ މީހުން މިވަގުތު ޔުކްރޭނުން ފޭބުމަށްވެސް އިލްތިމާސް ކުރަމުންނެވެ.

ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ ރަޝިއާގެ ފައުޖުތައް މިވަގުތު ތިބީ ރަޝިއާ އާއި ޔުކްރޭން ގުޅޭ ބޯޑަރުގައި ހަނގުރާމަވެރި ހާލަތުގަ އެވެ. ރަޝިއާ ސިފައިން ދަނީ އެ ސަރަހައްދުގައި ހާއްސަ ތަމްރީންތަކެއް ވެސް ހަދަމުންނެވެ.

ރަޝިއާ އިން ޔުކްރޭނަށް ހަމަލާދީ އެ ގައުމު ހިސޯރުކުރަން އުޅޭ ކަމަށް އެމެރިކާ އިން ފަތުރާ ހަބަރުތައް ރަޝިއާ އިން ދަނީ ދޮގުކުރަމުންނެވެ.