ދުނިޔެ

އެމެރިކާގެ ދަތިކުރުންތަކަށް އޮތީ ދިލަގަދަ ރައްދެއް: ރަޝިއާ

ރަޝިއާއާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުންތަކަށް ދޭން އޮތީ ދިލަގަދަ ރައްދެއް ކަމަށް މޮސްކޯއިން ބުނެފި އެވެ.

މޮސްކޯއިން ބުނީ އެމެރިކާ ހަދަހާ ގޮތަކަށް ރުހިގެން ރަޝިއާ ނޯންނާނެ ކަމަށާއި ޖެހިތަދު ނުފިލާ ވަރުގެ ރައްދެއް ވޮޝިންގްޓަނަށް ދޭނެ ކަމަށެވެ.

ރަޝިއާއިން ދޮންބާސްގެ ޑޮނެސްކާއި ލުހާންސްކްގެ މިނިވަކަން ގަބޫލުކުރުމާއެކު އެމެރިކާއިން ވަނީ ރަޝިއާއަށް ދަތިކުރުމުގެ އާފިޔަވަޅުތަކެއް ފައްކާކޮށް ތަންފީޒުކުރަން އިދާރާތަކަށް އަންގާފަ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ ރަޝިއާއާ ދެކޮޅަށް އެމެރިކާ އަޅާ ފިޔަވަޅުތަކަށް މިނުން މިނަށް ރައްދު ދިނުމުން މުހިންމު ނޫން ކަމަށާއި ކޮންމެ ގޮތަކަށް ރައްދު ދިން ނަމަވެސް ހިސާބު ދިމާކުރާނެ ކަމަށެވެ.

މޮސްކޯ ބުނާ ގޮތުން އެމެރިކާ އަޅާފައި ހުރި ދަތިކުރުންތަކުން ކުރީ ފައިދާ އެވެ. އަދި ބުނީ ދެން އަޅާނެ އާ ފިޔަވަޅުތަކެއް ނުހުންނާނެ ކަމަށާއި ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް އެމެރިކާގެ ރައްޔިތުންނަށް ވެސް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

ވަކި ބަޔަކަށް ބަރޯސާނުވެ އަމިއްލަ އިގުތިސޯދު ކުރިއަރުވަން ކުރި މަސައްކަތްތަކުން ރަޝިއާ ކުރިއަރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރަޝިއާ ބުނާ ގޮތުން ދޮންބާސްއަށް އަރަން ޖެހުނީ ޔުކްރޭންގެ އަސްކަރީ ބާރުތަކުން އާންމުނަށް ދޭ ހަމަލާތައް އިތުރުވުމާ ގުޅިގެންނެވެ. ޔުކްރޭން ސިފައިން ދެމުން ގެންދިއަ ހަމަލާތަަކުން ސަލާމަތްވާން އެތައް ހާސް ބަޔަކު ވަނީ ބޯޑަރު ހުރަސްކޮށް ރަޝިއާގެ ރޮސްޓޮފްއަށް އަރާ ހިމާޔަތް ހޯދާފަ އެވެ.

އެމެރިކާ ބުނީ ރަޝިއާ ދައްކާ ވާހަކަތައް ގަބޫލުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި ޔުކްރޭނަށް އަރަން ދައްކާނެ ބަހަނާއެއް އުފަންކުރީ ކަމަށެވެ.

އެހެން ނަމަވެސް، ޔުކްރޭންގައި ހަރަކާތްތެރިވާ އޮގަނައިޒޭޝަން ފޮ ސެކިޔުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) ގެ މެންބަރުން ބުނާ ގޮތުން ޔުކްރޭންގެ ސިފައިން އާންމުނަށް ދޭ ހަމަލަތަކާ ހެދި މުޅި ސަރަހައްދުގައި އޮތީ ބިރުވެރިކަން ފެތުރިފަ އެވެ.