ހަބަރު

އދ ގެ ނިންމުމާ އެއްގޮތަށް ނަޝީދު މިނިވަން ކުރަން ސިވިލް ކޯޓްގައި އެދެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް އދ ގެ ވޯކިން ގްރޫޕްގެ ނިންމި ނިންމުމަށް އަމަލު ކުރުމަށް އެދި ސިވިލް ކޯޓުގައި އެދެފި އެވެ.

އެކަމަށް އެދި މިއަދު ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު މި ކަމާގުޅޭ ގޮތުން "އަވަސް"އަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލާ ހިސާން ހުސެއިން ވިދާޅުވީ، މިއަދު ސިވިލް ކޯޓަށް ހުށަހެޅީ، އދ އިން ނިންމި ނިންމުން ތަންފީޒުކޮށް ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ކަމަށެވެ.

"ކުރިން ވެސް މި މައްސަލަ އަޅުގަނޑުމެން ސިވިލް ކޯޓަށް ހުށަހެޅިން، އޭރު ސިވިލް ކޯޓުން ވިދާޅުވީ ރައީސް ނަޝީދު ޖަލުގައި ހުންނެވުމުން ބަންދު މީހުން ޝަކުވާ ހުށަހަޅާ ފޯމް ހުށަހަޅާ ހައްލެއް ނުލިބިއްޖެ ކަމުގަިއ ވާނަމަ، ހުށަހެޅޭނީ. އެހެންވީމާ ޖަލަށް ހުށަހެޅުމަށްފަހު ޖަލުން ޖަވާބު ދެއްވާމީވަ އެ ޖަވާބާއެކު އަލުން މި ހުށަހެޅީ،" ހިސާން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނިންމި ނިންމުމަށް އަމަލު ކުރުމަށް ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސްގެ މައްޗަށް އަމުރުކޮށްދެއްވުމަށް ވެސް އެދިފައިވެ އެވެ.

މި މައްސަލައިގެ އިތުރުން ހައިކޯޓަށް ވެސް ނަޝީދު ފަރާތުން ވަނީ މައްސަލައެއް ވައްދައިފަ އެވެ. އެއީ ނަޝީދު ގާނޫނާ ހިލާފަށް ބަންދުކޮށްފައި ހުރި ކަމަށް ބުނާ މައްސަލަ އެކެވެ. މި މައްސަލައަކީ މީގެ ކުރިން ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ ރައީސް ނަޝީދަކީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ބޭފުޅަކަށް ވާތީ، ގައިދީއަކު ޖަލަށް ގެންދިއުމަކީ މައްސަލައެއް ކަމަށް ނުވާތީ އެވެ.

މި މައްސަލާގައި ބުނެފައިވަނީ ގޭ ބަންދަށް ބަދަލުކުރި ކަމަށް ބުނެ ކަރެކްޝަނުން ލިޔުން ދިނުމަށްފަހު ރައީސް ނަޝީދު މިހާރު ޖަލުގައި ހައްޔަރުކޮށްފައިވަނީ ޣައިރު ގާނޫނީ ގޮތަކަށް ކަމަށް ވާތީ އެމަނިކުފާނު ދޫކޮށްލުމަށެވެ. މި މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނެވެ. ނަމަވެސް އެގޮތަށް ކޯޓުން މައްސަލަ ބަލައިނުގަަތުމުން މިއަދު ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ސީދާ ރައީސް ނަޝީދުގެ ފަރާތުންނެވެ.