ދުނިޔެ

ޔުކްރޭންގެ އާންމުން ހަތިޔާރު ގެންގުޅެން ހުއްދަދެނީ

ޔުކްރޭންގެ އާންމުން ހަތިޔާރު ގެންގުޅުން ހުއްދަ ކުރުމަށް ގާނޫނެއް ފާސްކުރަން ފެންނަ ނުފެންނަ ވޯޓެއް ޔުކްރޭންގެ ޕާލަމެންޓުން ބުދަދުވަހު ނަގައިފި އެވެ.

އަދި ޑްރާފްޓް މަރުހަލާގައި އޮތް ލިޔުން ބަލައިގަތުމަށް 450 މެމްބަރުންގެ ތެރެއިން 274 މެންބަރަކު ވޯޓް ދެއްވި އެވެ.

މިހާރު އޮތް ގޮތަށް ބިލް ފާސްވެ ގާނޫނަކަށް ހަދައިފި ނަމަ އަމިއްލަ ނަފުސު ދިފާއުކުރުމުގެ ނަމުގައި ޔުކްރޭންގެ އާންމު ރައްޔިތުންނަށް ހަތިޔާރު ގެންގުޅެވޭނެ އެވެ.

އެހެން ނަމަމެވެސް އާންމުން ގެންގުޅެއް ހުއްދަކުރާ ހަތިޔާރަކީ ކޮބައިކަން އަދި މުޅިން ސާފެއް ނުވެއެވެ.

ޔުކްރޭންގެ ތެރެއިން ބޭރަށް ނުކުންނަ ޚަބަރުތައް ބުނާ ގޮތުން އަސްކަރީ ތަމްރީންތަކުގައި ބައިވެރިވާން އެދޭ އާންމުންނަށް އެ ފުރުސަތު އޮތީ ހުޅުވާލާފަ އެވެ. އަދި ރިޒާވް ސިފައިން ވެސް ގައުމީ މަސްލަހަތަށް ނުކުތުމަށް ވަނީ އަންގާފަ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް ނޭޓޯއާ ގުޅިގެން ރަޝިއާ ރުޅިއަރުވާލުމުން މަޝްރަހު އޮތީ ނުއަތަށް ޖަހާފަ އެވެ. މާމޮޅު ކަމެއް ކުރެވޭނެ ކަމަށް ހީކޮށް އެމެރިކާ އާއި ބައިވެރިން އަންބާ ކިޔާފައި ރަޝިއާއާ ދިމާކޮށްލުމުން މިހާރު އެތިބީ އަތަށް ގޮވާފަ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއަރު ޕޫޓިންގެ ޒައާމަތުން ކުރާހާ ކަމަކަށް ދުނިޔެ ތާއީދު ނުކުރި ނަމަވެސް، މުޅި ރަޝިއާ ވަށާލައި ނޭޓޯ ސިފައިން ޖަމާވުމުން ރަޝިއާއަށް އެނޫން ގޮތެއް ނެތުނީ އެވެ.

ރަޝިއާއިން މިހާރު ވަނީ ޔުކްރޭންގެ ސަރަހައްދެއް ގޮތުގައި އޮތް ދޮންބާސްއަށް ސުލްހަ ބެލެހެއްޓުމަށް ކަމަށް ބުނެ އަސްކަރީ ބާރުތައް ފޮނުވާފަ އެެވެ.

ދޮންބާސް އަކީ ޔުކްރޭންގެ މައި ސަރުކާރުން ނެއްޓި އަމިއްލަ ވެރިކަމެއް 2014 ގައި އިއުލާންކޮށްފައި އޮތް ސަރަހައްދެކެވެ.

ދޮންބާސްއަށް ރަޝިއާ ސިފައި ފޮނުވުމުގެ ކުރިން ޕޫޓިން ވަނީ އެސަރަހައްދަކީ މިނިވަން ދައުލަތެއް ކަމަށް ގަބޫލުކުރައްވައި ގާނޫން ހަދާ މަޖިލީހުން ރުހުން ހޯއްދަވާފަ އެވެ.

ޔުކްރޭންގެ އާންމުން ހަތިޔާޜު ގެންގުޅެން ހުއްދަކުރަނީ ސުލްހަ ބެލެހެއްޓުމުގެ ނަމުގައި ދޮންބާސް އަރާ ރަޝިއާ ސިފައިންގެ ދައުރު އެ ސަރަހައްދުން ބޭރަށް ފުޅާކޮށްފާނެ ކަމަށް ބިރުންނެވެ.