ހަބަރު

ޗައިނާ-ރާއްޖެ ޓްރޭޑް މަޝްވަރާތައް ކާމިޔާބު، ދެވަނަ ބުރު ފެބުރުއަރީ މަހު

  • މަޝްވަރާތައް ދެން އޮންނާނީ ފެބުރުއަރީ 28ގައި
  • އެ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވޭނެ
  • ރާއްޖޭގެ މަހަށް ޗައިނާއިން ޑިއުޓީ ކަނޑާލުމަށް ހުށަހެޅި

އިއްޔެ ބަނޑޮސް އައިލެންޑް ރިސޯޓްގައި ފެށި ރާއްޖެ- ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓްގެ މަޝްވަރާތައް ކާމިޔާބު ކަމާއި އެކު ނިންމާލައި، ދެވަނަ ބުރެއްގެ މަޝްވަރާތައް އަންނަ ފެބްރުއަރީ މަހު ޗައިނާގައި ބާއްވަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓަރާއި އިގްތިސާދީ ކަންކަމާ ގުޅޭ ސަރުކާރުގެ އިސް އޮފިޝަލުން އަދި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ބައިވެރިވެގެން ޗައިނާ އާ އެކު ބޭއްވި މަޝްވަރާތައް ނިންމާލުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް، މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހުންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މަޝްވަރާތަކުގައި ދެ ގައުމުގެ ޝައުގުވެރިކަން ހުރި ކަންކަމުގައި ވާހަކަ ދައްކައި ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ވިޔަފާރީގައި ދެ ގައުމުގެ ގުޅިގެން ކަންކަން ކުރުމަށް ވެސް ނިންމުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއާއި ޗައިނާ ދެމެދު ގާއިމް ކުރަން މަސައްކަތް ކުރާ ޓްރޭޑް އެއްބަސްވުމުގެ މަޝްވަރާތަކުގެ ދެވަނަ ބުރު ފެބުރުއަރީ 29 އިން ފެށިގެން މާޗް ހަތަރަކަށް ބެއިޖިންގައި ކުރިޔަށް ގެންދިޔުމަށް މިހާރު ނިންމާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި ދެވަނަ މަޝްވަރާ ކުރުމަށް ފަހު ވީހާ ވެސް އަވަހަކަށް މި އެއްބަސް ވުމުގައި ސޮއި ކުރުމަށް ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"މަޝްވަރާތައް ކުރިޔަށް ދިޔަ އިރު ފާހަގަކޮށްލަން ޖެހެނީ ދެގައުމުން ވެސް ބަލައި ގަނޭ މިއީ ވަރަށް ޔުނިކް ފުރުސަތެއް ކަން ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދެއް އޮންނަ ގައުމަކާއި އަދި ރާއްޖެފަދަ ގައުމަކާއި އެކު ކުރިޔަށް ގެންގޮސް ނިންމާލުމަށް ދެގައުމުންވެސް ދޭ ޝައުގުވެރިކަން. އެގޮތުން 2016 ވަނަ އަހަރު ނިމުމުގެ ކުރިން ނުވަތަ 2017 ވަނަ އަހަރު ކުރީކޮޅު އެއްބަސް ވުމުގައި ސޮއި ކުރަން އުންމީދުކުރަން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސް ވުމަކަށް ޗައިނާ ފަދަ ގައުމަކާއި އެކު ރާއްޖެއަށް އާދެވުމަކީ ގިނަ ފައިދާ އެއް ކުރާނެ ކަމެއް ކަމަށެވެ. އަދި އެކްސްޕޯޓު ކުރާ ވިޔަފާރިވެރިންނަށް ބޮޑެތި ފައިދާ އެއް އެކަމުން ވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދިވެހި މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރާ އިރު ނަގާ ޑިއުޓީ އެއްކޮސް އުނިކޮށްލުމަށް ރާއްޖެއިން ހުށަހަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.