އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ޖާބިރުގެ އެހީ އާއި ތާއީދު ވެސް ފައްޔާޒަށް

Feb 24, 2022
1

އެމްޑީޕީގެ ޗެެއާޕާސަން ކަމަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ތާއީދާއި އެހީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ދެއްވައި އެ މަގާމަށް ފައްޔާޒު ހޮވައިދޭން މަސައްކަތް ފައްޓަވައިފި އެވެ.

ޖާބިރަކީ އެމްޑީޕީގެ މެންބަރަކަށް ނުވި ނަމަވެސް އެމްޑީޕީއާ ވަރަށް ބޮޑު ގުޅުމެއް އޮންނަ އަދި އެ ޕާޓީގައި ނުފޫޒުގަދަ ވެސް ބޭފުޅެކެވެ.

އަންނަ އޭޕްރީލް 16 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ފައްޔާޒާ ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އެވެ. މިއަދު ހެނދުނު ޖާބިރު ވިދާޅުވީ "އެ އިންތިހާބުގައި ފައްޔާޒު މޮޅުވާން ޖެހޭ ކަމަށާއި އެކަން އެގޮތަށް ވާން ޖެހެނީ ހަމައެކަނި އެމްޑީޕީ ހިންގާލަން ނޫން ކަމަށާއި ގައުމު ގެ ވިޔަފާރިއާއި އިގްތިސޯދު ރަނގަޅަށް ހިންގާލަން ވެސް މިވަގުތަށް އެވަރުގެ ބޭފުޅަކު ފެންނާން ނެތުމުން" ކަމަށެވެ.

"އަޅުގަނޑަކީ އިންތިހާބުތަކުގައި އަޅުގަނޑުގެ ތާއީދު އެމްޑީޕީއަށް ދޭ މީހެއް. އަދި އިންތިހާބުތަކަށް ހަރަދު ކުރާ މީހެއް، އެކަން އެކަކުވެސް ދޮގެއް ނުކުރާނެ، އަޅުގަނޑު ބަލާއިރު އެމްޑީޕީގެ ކުރިމަތީގައި މިއޮތް އިންތިހާބުގެ ރޭހުގައި ތިއްބެވި ދެ ބޭފުޅުން ވެސް ރަނގަޅު، އެކަމަކު އެމްޑީޕީއަށާއި ގައުމަށްޓަކައި އަޅުގަނޑަށް ފައްޔާޒު މާ ރަނގަޅުވަނީ އެހެންވެ އަޅުގަނޑުގެ ތާއީދު މިއޮތީ ފައްޔާޒަށް، އޭނާ މަގާމަށް ހޮވައި ދޭން އަޅުގަނޑު ގަދައަޅައި މަސައްކަތް ފަށައިފިން،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ކޮވިޑުގެ ބަލާއާފާތާއެކު ވެސް ރާއްޖޭގެ އިގްތިސޯދާއި ވިޔަފާރި އިނދަޖެހިގެން ނުގޮސް ނަމޫނާ ކާމިޔާބީއެއް ހޯދުނީ ފައްޔާޒުގެ ބުއްދިން ކަމަށާއި އަދި ފައްޔާޒާ ހަވާލުވެ ވެފައި އޮތް މިނިސްޓްރީ އާއި ދައުލަތުގެ އެހެން ގިނަ ޒިންމާތައް އޭނާ ހިންގާލިލެއް މޮޅު ކަމުން ކަމަށެވެ.

"ބައްލަވާ މަޖިލީހުގައި ވެސް ފައްޔާޒާ ސުވާލެއް ކުރާކަށް ވަރަށް ނުޖެހޭ ނޫންތޯ، އަދި ކޮވިޑާ ގުޅިގެން ވެސް ފައްޔާޒުގެ ފަޅިން ކުރަން ޖެހުނު އެއްވެސް ކަމެއްގައި ގޯހެއް ނެތެއް ނޫންތޯ. އެއީ ކަންކަން ރަނގަޅަށް ހިނގާލެވޭތީ." ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީ އާއި ގައުމު އިތުރަށް ހަރުދަނާ ކުރުމާއެކު އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުމަށް ފައްޔާޒު އެ މަގާމަށް މުހިންމު ކަމަށެވެ.