ރަޝިޔާއިން ޔޫކްރޭންގައި ހަނގުރާމަ ފަށައިފައިވާއިރު، އެ ގައުމުގައި އަދިވެސް 20 ދަރިވަރުން އެބަތިބި ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.
ފޮރިން މިނިސްޓްރީއިން މިއަދު ބުނީ އެގައުމުގައި ތިބި ހުރިހާ ދަރިވަރުންނާ މިނިސްޓްރީއާ ދެމެދު މުއާމަލާތް ކުރެވެމުންދާ ކަމަށެވެ. ޔުކްރޭންގައި ހާލަތު އެންމެ ގޯސް ޚަރްވިކްގައި ތިބި 35 ދަރިވަރުންގެ ތެރެއިން 30 ދަރިވަރުން ވަނީ ޔޫކްރެއިންގެ ބޯޑަރުން ބޭރުވެފަ އެވެ.
މިނިސްޓްރީއިން ބުނީ އެތަނުގައި ތިބި ފަސް ދަރިވަރުންނާ ވާހަކަދައްކަމުން އަންނަ ކަމަށާއި އެ ދަރިވަރުން ވެސް ފުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ދަރިވަރުންގެ ހާލު ރަގަޅު ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.
މީގެ އިތުރުން ޔުކްރޭންގެ އިރުމަތި ފަރާތުގައި އޮންނަ އިވާނޯ-ފްރެންކިވްސްކްގައި ދިރިއުޅޭ 14 ދަރިވަރުން އެބަ ތިބި ކަމަށާއި އެކުދިންގެ ހާލު ވެސް ބަލަމުން އަންނަ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި އެގައުމުގެ އެހެން ސިޓީއެއްގައި އިތުރު ދަރިވަރަކު އުޅޭ ކަމަށާއި އޭނާގެ ހާލު ވެސް ރަގަޅު ކަމަށް މިނިސްޓްރީއިން ބުންޏެވެ.
ޔުކްރޭންގައި ތިބި ދިވެހިން ރާއްޖެ އަންނަން ފަށާފައި މިވަނީ ޔުކްރޭންގައި ދިރިއުޅޭ ދިވެހިން ރާއްޖެ އަނބުރާ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވާފައި ވަނިކޮށެވެ.
ރަޝިއާއި ހުޅަނގުގެ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގައި ރަޝިއާ އިން ޔުކްރޭނަށް ހަމަލާތަކެއްދީ އެ ގައުމަށް އަރައިގެންފާނެ ކަމަށް ހުޅަނގުގެ މީޑިއާތަކުން ދިޔައީ ކެނޑިނޭޅި ރިޕޯޓްކުރަމުންނެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ގެންދަނީ ޔުކްރޭންގައި ތިބި އެހެން ގައުމުތަކުގެ މީހުން މިވަގުތު ޔުކްރޭނުން ފޭބުމަށްވެސް އިލްތިމާސް ކުރަމުންނެވެ.
ޔުކްރޭނުގައި އަސްކަރީ އޮޕަރޭޝަން ފަށައިފައިވާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން މިހާރު ވަނީ އިއުލާނުކުރައްވާފަ އެވެ.