ދުނިޔެ

ޔުކްރޭންގެ އަވައްތަކުގައި ހަނގުރާމައިގެ ކުލަޖެހެން ފަށައިފި

ރަޝިއާގެ އަސްކަރީ ފައުޖުތަކުން ޔުކްރޭނަށް ދޭންފެށި ހަމަލާތައް އަމާޒުވި އަވައްތަކުގެ ތެރޭގައި ޚަރިކީވް އާއި ކްރަމޮތޯސްކް، މަރިއޯޕޮލް އާއި މައިކޮލައިވް، އޮދެއްސާ އަދި ވެރިރަށް ކީއްޔެވް ހިމެނެ އެވެ. އާންމުގެ ބަހުން ނަމަ ހަމަލާތަކުގެ އަޑުބާރެވެ. ހުވަފެނުން ވެސް ނުދެކޭހާ ބިރުވެރި އެވެ.

އާންމުން ރައްކާތެރި ތަންތަނަށް ވަދެ ހިމާޔަތް ހޯދުމަށް އިންޒާރުދިނުމަށް އެޅި ބަރުގޮނާއެކު ބައެއް މީހުން އަވައްތައް ދޫކޮށް ނިކުންނަށް ފެށި އެވެ. ސަބްވޭތަކަށް ވަދެއް ބޯހިޔާވަހިކަން ހޯދި ގިނަ މީހުން އަދިވެސް ތިބި ތަނުގައި ތިބީ އެވެ.

ރަޝިއާ ބުނާ ގޮތުން ހަމަލާތައް އަމާޒުކޮށްފައި ވަނީ ޔުކްރޭންގެ އަސްކަރީ ގާބިލުކަން ނައްތާލުމަށެވެ. ހަމަލާދޭން ބޭނުންކުރަނީ ޒަމާން ދަންނަ އެންމެ ހުޝިޔާރު އަސްކަރީ އާލާތްތަކެވެ.

އެހެން ނަމަވެސް، އަމާޒުން ކައްސާލައި ބައެއް ހަމަލާތައް އާންމު އެޕާޓްމަންޓްތަކަށް ވެސް ވަނީ އަރާފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ޚަރިކީވްގެ އެޕާޓްމަންޓަކަށް އެރި ހަމަލާއެއްގައި އާންމުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން އެކަކަށް ވަރަށް ބޮޑަށް އަަނިޔާ ލިބުނު ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޔުކްރޭންގެ ބޯޑަރު ގާޑުން ބުނާ ގޮތުން ބެލަރޫސްގައި ހުންނަ ރަޝިއާގެ އަސްކަރީ މަރުކަޒުތަކުން ވެސް ޔުކްރޭނަށް ހަމަލާތައް އަމާޒުކުރި އެވެ. އަދި 2014 ގައި ރަޝިއާ ޖަހައިގަންފައި އޮތް ކްރައިމިއާއިން ވެސް ޔުކްރޭންގެ މައި އަވައްތަކަށް ހަމަލާތައް ދިނެވެ.

ބެލަރޫސްއިން ޔުކްރޭނަށް ހަމަލާދިނުމާއެކު ބައިނަލްއަގްވާމީ މަޝްރަހުގައި ބަހުސް ހޫނުވެގެން ދިއަ އެވެ. އެހެން ނަމަވެސް ބެލަރޫސްގެ ސިފައިން އެހަމަލާތަކުގައި ބައިވެރި ނުވާ ކަމަށް އެގައުމުގެ ސަރުކާޜުން ބަޔާނެއްގައި އާންމުކުރި އެވެ.

ޔުކްރޭންގެ މަގުތަކުން ހަނގުރާމައިގެ އަސަރު މިހާރު ފެންނަން އެބަ ހުއްޓެވެ. ތޮށި ނޮޅިފައި ހުރި އުންޑަ އާއި ވަކި ބާވަތެއް ކަށަވަރުނުވާ ހުލިވެފައި ހުރި ގޮވާތަކެތީގެ ބައިތައް ވެސް އާންމުންނަށ ފެންނަ ކަމަށްވެ އެވެ.

ޔުކްރޭނުން މިހާރު ވަނީ ރަޝިއާއާ ގުޅުން ކަނޑާލައި މާޝަލް ލޯ ހިންގާފަ އެވެ. އަދި އާންމުން ހަތިޔާރު ގެންގުޅެން ހުއްދަދީފަ އެެވެ.

އާންމުނަށް ހަތިޔާރު ދޫކުރުމަކީ ކުރިން ހީކުރި ވަރަށް ވުރެވެސް މަޝްރަހު ގޯސްވެދާނެ ނިންމުމެކެވެ.