ޔޫކްރެއިން އިން ބޭރުނުވެވި އެ ގައުމުގައި މިވަގުތު ތިބި ދަރިވަރުން މާލި އެހީ ދީފައިވާ ކަަމަށް ސަރުކާރުން ބުނެފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޔޫކްރެއިން އިން ބޭރުނުވެވި އެ ގައުމުގައި ތިބި 21 ދަރިވަރަކަށް ސަރުކާރުން މާލީ އެހީ ދީފައިވާ ކަމަށެވެ. ނަމަވެސް ދަރިވަރުންނަށް ދިނީ ކިހާ މިންވަރެއްގެ އެހީއެއް ކަމެއް ނުބުނެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ ދަރިވަރުންގެ ފަސޭހައަކަށް އެ ދަރިވަރުން ބޭނުން ކުރާ ބޭންކު ކާޑު މެދުވެރިކޮށް ކުރާ ޓްރާންސެކްޝަންތަކުގެ ލިމިޓްވެސް ބޮޑުކޮށްފައިވާ ކަމަށެވެ. އެ ލިމިޓް އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ލިބޭނެ ކަމަށްވެސް ބުންޏެވެ.
ރަޝިޔާއިން ޔޫކްރޭންގައި ހަނގުރާމަ ފަށައިފައިވާއިރު، އެ ގައުމުގައި އަދިވެސް 20 ދަރިވަރުން އެބަތިބި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީއިން މިއަދު ބުނީ އެގައުމުގައި ތިބި ހުރިހާ ދަރިވަރުންނާ މިނިސްޓްރީއާ ދެމެދު މުއާމަލާތް ކުރެވެމުންދާ ކަމަށެވެ. ޔުކްރޭންގައި ހާލަތު އެންމެ ގޯސް ޚަރްވިކްގައި ތިބި 35 ދަރިވަރުންގެ ތެރެއިން 30 ދަރިވަރުން ވަނީ ޔޫކްރެއިންގެ ބޯޑަރުން ބޭރުވެފަ އެވެ.
މިނިސްޓްރީއިން ބުނީ އެތަނުގައި ތިބި ފަސް ދަރިވަރުންނާ ވާހަކަދައްކަމުން އަންނަ ކަމަށާއި އެ ދަރިވަރުން ވެސް ފުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ދަރިވަރުންގެ ހާލު ރަގަޅު ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.
މީގެ އިތުރުން ޔުކްރޭންގެ އިރުމަތި ފަރާތުގައި އޮންނަ އިވާނޯ-ފްރެންކިވްސްކްގައި ދިރިއުޅޭ 14 ދަރިވަރުން އެބަ ތިބި ކަމަށާއި އެކުދިންގެ ހާލު ވެސް ބަލަމުން އަންނަ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި އެގައުމުގެ އެހެން ސިޓީއެއްގައި އިތުރު ދަރިވަރަކު އުޅޭ ކަމަށާއި އޭނާގެ ހާލު ވެސް ރަގަޅު ކަމަށް މިނިސްޓްރީއިން ބުންޏެވެ.
ފޮރިން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލު ދެމުން އެ މިނިސްޓްރީން ދެންމެ ބުނީ ޔޫކްރެއިން އިން ބޭރުނުވެވި އެ ގައުމުގައި މިވަގުތު ތިބި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެހެން ގައުމުތަކުގެ ސަރުކާރުތަކާއެކު ފޮރިން މިނިސްޓްރީ އިން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް ރަހުމަތްތެރި އެހެން ބައެއް ގައުމުތަކާއެކުވެސް ދަނީ މަޝްވަރާ ކުރެވެމުން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ޔުކުރޭން ގައި ތިބި ހުރިހާ ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި އެ ދަރިވަރުންގެ އިތުރުން އެސަރަހައްދުގެ އެހެން ގައުމުތަކުގައި ތިބި ދަރިވަރުންގެ ހާލަތުވެސް ފޮރިން މިނިސްޓްރީއިން ދަނީ ބަލަމުން ކަމަށެވެ.