މިދިޔަ ހަފްތާގެ އަންގާރަ ދުވަސް ވެގެން ދިޔައީ ވަރަށް ގިނަ ބަޔަކު ކައިވެނިކުރި ދުވެހެއް ކަމުގައެވެ. އެއީ އެދުވަހުގެ ތާރީޚަކީ "ރީތި" ތާރީޚެއްކަމުގައި ވާތީއެވެ. ދެހާސް ބާވީސްވަނަ އަހަރުގެ ދެވަނަ މަހުގެ ބާވީސްވަނަ ދުވަސް ކަމުގައި ވީތީ އެވެ. މި ދުވަހު މާލޭގައި އެކަނި ވެސް 85 ފަސް ކައިވެނި ކުރެވުނު ކަމުގައި ފެމިލީކޯޓުން ހާމަކޮށްފައިވެ އެވެ.
މިހާ ގިނަ ކައިވެނި އެއްދުވަހު ކުރެވުމަށްވުރެ އަޖާއިބުވާންވީ ކަމަކީ، ކުރެވޭ ކައިވެނިތައް ދެމިގެން ނުދާ ކަމެވެ. އިސާހިތަކު އެދިރިއުޅުން ރޫޅި ވަރިޔާ ހަމައަށްދާ ކަމެވެ.
ކައިވެންޏާއި ވަރީގެ އަދަދުތަކަށް ބަލާއިރު، ފާއިތުވެދިޔަ ތިން އަހަރުވެސް، އެ އަހަރެއްގައި ކުރެވުނު ކައިވެނީގެ އަދަދުގެ ދެބައިކުޅަ އެއްބަޔާ ގާތް ކުރާ އަދަދަކަށް ވަރި ކުރެވުނު ކަމުގައި، "ރީތި" ތާރީޚުގައި ކުރެވޭ ކައިވެނީގެ ޚަބަރުތައް ގެނެސްދިން ބައެއް ލިޔުންތެރީން ފާހަގަކޮށްފައިވެ އެވެ. ދިވެހިރާއްޖޭގައި ކައިވެނިކުރެވޭ ނިސްބަތާ ބަލާއިރު ވަރީގެ ނިސްބަތްވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭހާ ގިނަކަމުގައި އެފަރާތްތަކުން ހަމާކުރުމީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެކެވެ. ވަކީން ޚާއްޞަކޮށް ކައިވެންޏާއި، އާއިލާ ބިނާކުރުމަށް މާތްވެގެންވާ އިސްލާމް ދީނުގައި ދީފައިވާ އަހަންމިއްޔަތާމެދު ނަޒަރު ހިންގާލަން ޖެހެއެވެ. އެގޮތުން ޒަވާޖީ ޙަޔާތުގެ ބައިވެރިޔަކު އިޚްތިޔާރު ކުރުމާއި، ދެމަފިރިން ހެޔޮ ގޮތުގައި އެކަކު އަނެކަކާ މުޢާމަލާތް ކުރުމާއި، ވަރި ކުރުމަކީ ދީނުގައި ނުރުހެވޭ ކަމެއްކަމުގައި ކަނޑައަޅުއްވާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގައި ކައިވެނި ރޫޅި، އެހާ ފަސޭހަކަމާއެކު އެހާއަވަހަށް، ވަރިޔާ ހަމައަށް ދާ ސަބަބުތައް ދެނެގަނެ، އެދާއިރާގައި ޢިލްމީ ދިރާސާތަކެއް ކުރަން މިވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި އަޅުގަނޑުގެ ވިސްނުމަށް އަންނަނީ ކައިވެނީގެ މަޤުޞަދު އޮޅުމާއި، ޒަވާޖީ ޙަޔާތުގެ ބައިވެރިޔަކު އިޚްތިޔާރު ކުރުމުގައި، ޒުވާނުންނަށް ދޭންޖެހޭ އިރުޝާދުތައް ނުދެވޭ ކަމެވެ. "ރީތި" ތާރީޚެއްގައި، އަގުބޮޑު ހެދުމެއްގައި، ބޮޑު ހަފްލާއެއް ބާއްވައިގެން ކައިވެނިކުރުމަކީ ބައެއް ޒުވާނުންގެ ހުވަފެނެއް ކަމުގައި ވެދާނެ އެވެ. ނަމަވެސް ކައިވެނީގެ ހަފްލާއަށްފަހުގައި ދެން ދެމަފިރިން އެކުގައި ފަށާ ދަތުރަށް ތައްޔާރުވުމަށްޓަކައި ވިސްނަންޖެހޭ އެތައް ކަމެއް ހުރެ އެވެ. އަދި ވަކީން ޚާއްޞަކޮށް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި ދެއްވާފައިވާ އިރުޝާދުތައް އުނގެނި ދަސްކުރަން ޖެހެ އެވެ.
މީހަކާ ކައިވެނިކުރުމުގައި އެކި މީހުން ބަލަނީ އެކިއެކި ކަންކަމަށެވެ. އެގޮތުން ގިނަ ބަޔަކު ބަލަނީ ކައިވެނި ކުރަން އިޚްތިޔާރުކުރާ ބައިވެރިޔާގެ ކިބައިގައި ހުންނަ ހިތްކިޔަނިވި ސިފައަކަށް ކަމުގައި ވެދާނެ އެވެ. އަނެއް ބަޔަކު ބަލަނީ މުދާލާއި ތަނަވަސް ކަމަށެވެ. އަދި ޒަވާޖީ ޙަޔާތުގެ ބައިވެރިޔާގެ ޚާންދާނާއި މުޖުތަމައުގައި އޭނާގެ މަކާނަތާއި އިޢްޒަތާއި ޝަރަފަށް ބަލައި މީހުންވެސް އުޅެވެ. އަޅުގަނޑުމެންގެ ދިވިރާއްޖޭގައި ޚާންދާނާއި އާއިލާގެ ގަދަރާ ޖާހަށް ބަލާ މީހުން މަދުކަމުގައިވިޔަސް، ބައެއް އެހެން މުޖުތަމަޢުތަކުގައި މިއީވެސް ކައިވެނީގައި ބަލައި ކަންކަމުގެ ތެރެއިން ހިމެނެ އެވެ.
މިކަންކަން ބަޔާންކުރައްވާ ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.
" تُنْكَحُ الْمَرْأَةُ لِأَرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَلِجَمَالِهَا، وَلِدِينِهَا، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ " (متفق عليه)
މާނައީ: "ހަތަރު ކަމަކަށްޓަކައި އަންހެނަކާ ކައިވެނިކުރެވެ އެވެ. އެއީ އޭނާގެ މުދާވެރިކަމަށްޓަކައެވެ. އަދި އޭނާގެ ރީތި ކަމަށްޓަކަ އެވެ. އަދި އޭނާގެ ޙަސަބާއި ނަސަބުގެ މަތިވެރިކަމަށްޓަކަ އެވެ. އަދި އޭނާގެ ދީންވެރިކަމަށްޓަކައެވެ. ފަހެ، ތިބާ (މީހަކާ އިންނަހިނދު) ދީންވެރި ޞާލިޙު އަންހެނާ އިޚްތިޔާރު ކުރާހުށިކަމެވެ. އެހެން ނޫންނަމަ، ތިބާގެ ދައަތް ވެއްޔާމޮޑެވިދާއްހުއްޓެވެ! (އެބަހީ: ދިރިއުޅުމަކީ އަހުވަޔެއްކަމުގައި ވެދާހުއްޓެވެ.)"
ބައެއް މީހުންނަށް މި ޙަދީޘްގެ މާނަ ވިސްނިފައި އޮންނަނީ ނުބައިކޮށެވެ. އެހެނީ، މީހަކާ އިނުމުގައި، އޭނާގެ މުދާވެރިކަމާއި، ރީތިކަމާއި، ހަސަބަށް ބެލުމަކަށް މިޙަދީޘްގައި ބާރު އަޅުއްވާފައެއް ނުވެ އެވެ. މި ޙަދީޘްގައި ބަޔާންކުރައްވާފައި އެވަނީ، މީސްތަކުން ކައިވެނިކުރާއިރު އެކަންކަމަށް ބަލައިގެން ކައިވެނީގެ ބައިވެރިޔަކު ހޯދިއެއް ކަމަކު، ޙަޤީޤަތުގައި ކައިވެނި ދެމިގެން ދިޔުމަށް އެދޭ މީހަކު ދީންވެރިޔަކު އިޚްތިޔާރު ކުރުމަށެވެ.
އެހެން ޙަދީޘެއްގައި ވާރިދުވެފައިވެއެވެ. «إِذَا أَتَاكُمْ مَنْ تَرْضَوْنَ خُلُقَهُ وَدِينَهُ، فَأَنْكِحُوهُ» (رواه الحاكم في المستدرك)
މާނައީ: "އެމީހެއްގެ ދީންވެރިކަމާއި އަޚުލާޤަށް ތިޔަބައިމީހުން ރުހޭ މީހަކު، (ތިޔަބައިމީހުންގެ ދަރިޔަކާ) ކައިވެނިކުރުމަށް އަތުވެއްޖެނަމަ، އޭނާއަށް (ދަރިފުޅު) އޭނާއާ ކައިވެނިކޮށްދޭށެވެ!"
މީހެއްގެ ދީންވެރިކަން ދެނެގަތުމަށްޓަކައި ބެލުން އެމެން ޙައްޤުވެގެންވާ ޢަމަލަކީ، އެމީހާއަކީ ފަރުޟު ފަސްނަމާދަށް ރައްކާތެރިވާ މީހަކު ކަމުގައިވޭތޯ އެވެ. ނަމާދު އަޅާ މީހާ ކާފިރުވެއްޖެކަމުގައި ޞައްޙަ ޙަދީޘްފުޅުތަކުން ސާބިތުވެ އެވެ. ފަރުޟު ފަސްނަމާދަށް ފަރުވާ ކުޑަކުރާ މީހަކު ދީނުގެ އެހެން ކަންކަމާމެދު ފަރުވާތެރިވާލެއް ވަކީން ކުޑަވާނެ އެވެ.
ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ޚަލީފާވެރިކަމުގައި، އިސްލާމީ ދައުލަތުގެ އެކި ކަންކޮޅުތަކަށް އައްޔަނު ކުރައްވާފައިވާ އަމީރުންނަށް އެންގެވުމަށް ސިޓީއެއް ފޮނުއްވައި އެކަލޭގެފާނު ވިދާޅުވި ކަމުގައި ރިވާވެގެންވެ އެވެ.
"ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކުރާ އެންމެ މުހިންމު އަމުރަކީ ނަމާދު ކުރުމަށް ކުރާ އަމުރެވެ. ނަމާދަށް ރައްކާތެރިވެއްޖެ މީހާ އޭނާގެ ދީނަށް ރައްކާތެރިވެއްޖެކަން ކަށަވަރެވެ. ނަމާދު އަޅައިފި މީހާ އެނޫން ކަންކަމަށް ފަރުވާ ކުޑަކުރާލެއް ބޮޑުވާނެ އެވެ."
ކައިވެނި ކުރުމުގައި ބަލަންޖެހޭ އަނެއް ކަމަކީ، ޒަވާޖީ ޙަޔާތުގެ ބައިވެރިޔާގެ އާއިލާ އަކީ ހެޔޮލަފާ ބައެއްތޯ އެވެ. އެހެނީ، މީހެއްގެ ވަށައިގެންވާ މާހައުލަކީ އޭނާގެ އަޚުލާޤާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އެންމެ ބޮޑު އަސަރެއް ކުރުވާ އެއްކަމެވެ. ވީމާ، ކައިވެނީގެ ބައިވެރިޔާ އަކީ ހެޔޮލަފާ އާއިލާއެއްގެ މީހަކަށްވެއްޖެނަމަ އޭނާއަށް ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅަށް އެނގޭ މީހަކުކަމުގައިވުން ގާތެވެ.
ކަހްފު ސޫރަތުގައި ވާރިދުވެފައިވާ، މޫސާގެފާނާއި ޚިޟްރުގެފާނާ ބައްދަލުވެ ވަޑައިގެންނެވި ހާދިސާގައި ވެއްޓެމުންދިޔަ ފާރެއް ރޭނުމުގެ މަސައްކަތް އެދެބޭކަލުން ކުރެއްވިކަމުގައި ވެއެވެ. އެފާރާ ގުޅޭގޮތުން މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގައިވެއެވެ.
﴿وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحاً فَأَرَادَ رَبُّكَ أَنْ يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ﴾ (الكهف: 82)
މާނައީ: "އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ ޔަތީމު ދެ ކުދިންނަށް ލިބިގެންވާ ފާރެއް ކަމުގައި އެ ފާރުވި އެވެ. އަދި އެ ފާރުގެ ދަށުގައި، އެ ދެ ކުދިންނަށް ޚަޒާނާއެއް ވިއެވެ. އަދި އެ ދެ ކުދިންގެ ބައްޕަ އަކީ، ޞާލިޙު މީހެއް ކަމުގައިވެސްވި އެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެ ކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ ޚަޒާނާ، އެ ދެކުދިން ނެރުމަށެވެ."
މިއާޔަތުގައި އެވަނީ، ޔަތީމު ދެ ކުއްޖެއްގެ ބައްޕަ އަކީ ޞާލިޙު ރަނގަޅު މީހެއް ކަމުގައިވީތީ، އޭނާ ނެތް ދުނިޔޭގައިވެސް އޭނާގެ ދެ ދަރީންނަށް މާތް ﷲ ލެއްވި ރަޙުމަތުގެ ވާހަކަ އެވެ. މިއިން އެނގެނީ މައިންބަފައިންނަކީ ޞާލިޙު ބައެއް ކަމުގައިވާނަމަ، އޭގެ މަންފާ ދަރީންނަށްވެސް ފޯރާކަމެވެ. ވީމާ، ކައިވެނި ކުރަން އެދޭ މީހާ އަކީ ހެޔޮލަފާ އާއިލާއެއްގެ މީހަކަށްވުމަކީ އޭގެ ހެޔޮކަން ޒަވާޖީ ޙަޔާތުގައިވެސް ފެނިގެންދާ ކަމެއް ކަމުގައި ބުނެވެ އެވެ.
ހަމައެފަދައިން ކައިވެނި ކުރަން އެދޭ ފިރިހެނާ އަކީ މާލީ ފުދުންތެރިކަން ލިބިފައިވާ މީހެއްތޯ ބެލުމަކީ ހެޔޮވެގެންވާ ކަމެކެވެ. ޒަވާޖީ ޙަޔާތުގެ ބައިވެރިޔާ އަކީ މުއްސަނދި ނުވަތަ މުދާވެރި މީހަކަށްވުން ލާޒިމެން ނޫނެވެ. ނަމަވެސް މާލީ ފުދުއްތެރިކަން ލިބިގެންވުމަކީ ކައިވެނި ދެމިގެން ދިޔުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި މިކަން ސުންނަތުންވެސް ސާބިތުވެ އެވެ.
މަޝްހޫރު ޞަޙާބިއްޔާ ފާޠިމަތު ބިންތު ޤައިސް رضي الله عنها އާ ކައިވެނި ބައްލަވައިގަތުމަށް، ޞަޙާބީން ކުރެ ތިން ބޭކަލަކު ހުށަހެޅުއްވި އެވެ. އެހިނދު ކައިވެނިކުރާނީ އޭގެ ތެރެއިން ކޮނބޭކަލަކާތޯ، ކީރިތި ރަސޫލާ صلى الله عليه وسلم މަޝްވަރާ ކުރެއްވި އެވެ. އެހިނދު އޭގެ ތެރެއިން އެއް ބޭކަލަކީ ފުދުންތެރިކަން ނެތް އަތް މަތި ދަތި ބޭކަލެއް ކަމުގައި ޙަދީޘް ކުރެއްވި އެވެ. ވީމާ، ކައިވެނި ކުރުމުގައި އަނބިމީހާ އެކުގައި ދިރިއުޅެވޭނެވަރުގެ ފުދުންތެރިކަމެއް ލިބިގެންވުމަކީ އެދެވިގެންވާ ކަމެކެވެ.
ވީމާ، ޒަވާޖީ ޙަޔާތެއް ފަށަން އެދޭނަމަ، ކައިވެނީގެ މަޤްޞަދު ދެނެގަނެ، އެއީ ހަމައެކަނި ރީތި ހެދުމެއްލައިގެން، ރީތި ތާރީޚެއްގައި ފޮޓޯގަނޑެއް ނެގުމުގެ ބޭނުމުގައި ކުރާ ކަމަކަށް ނުހަދައި، ދިރިއުޅުގައި ހެޔޮ ކަންކަމަށް އަމުރުކޮށް ދީންމަތީ ސާބިތުވުމުގައި އެކަކު އަނެކަކަށް އެހީތެރިވެދޭނޭ ބައިވެރިޔަކު ހޯދުމަކީ ކައިވެނި ދެމިގެންދާނޭ ކަމެކެވެ.