ރެސްޓޯރަންޓްތަކުގައި ކައްކާ ތަކެތީގެ ތެރެއިން ބާކީ ވެފައި ހުންނަ ތަކެތި ކާކަށް ގިނަ މީހުން ބޭނުމެއް ނުވާނެ އެވެ. ނަމަވެސް ގިނަ އިރު ވެފައި ހުއްޓަސް މާ ބޮޑު މައްސަލައަކަށް ނުހަދާ އެ ކާނާ ކައި އުޅޭ މީހުން ވެސް މަދުން ނަމަވެސް ފެނެ އެވެ.
އެމެރިކާގެ 19 އަހަރުގެ މި ދަރިވަރަކީ ވެސް އެ ކަހަލަ ޒުވާނެކެވެ. ޗައިނީޒް ރެސްޓޯރަންޓަކުން ބާކީ ވެފައި ހުރި ކާނާ ހޯދައިގެން އޭނާ އެ ހިފައިގެން ގެޔަށް ގޮސް ކެއުމުން ދިމާވި ގޮތް އެނގިއްޖެނަމަ ގިނައިރު ވެފައި ހުންނަ ކާނާ ކާން ކޮންމެ މީހަކު ވެސް ބިރު ގަންނާނެ އެވެ.
މި ކާނާ ކެއުމުން އެ ކުއްޖާގެ ސިއްހަތު ގޯސްވީވަރުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި ކާނާ ވިހަވުމުގެ ސަބަބުން އޭނާގެ ފަޔާއި އަތުގެ އިނގިލިތައް ވަގުތުން ބުރިކުރަން ޖެހުނެވެ.
ޖޭސީ ނަމަކަށް ކިޔާ މި ޒުވާނާގެ ފުރާނައަށް މިހާ ބޮޑު ނުރައްކަލެއް ކުރިމަތިވީ އޭނާ ކެއި ކާނާގައި މައިކްރޯއޯގަނިޒަމްސް ހުރުމުން ސެޕްސިސް އާއި ގެންގްރޭންގެ މައްސަލަ ދިމާވެގެން ކަމަށް ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައިވާ ރިޕޯޓެއްގައި ބުނެފައި ވެއެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ޒުވާނާ އެޑްމިޓްކުރީ ބޮސްޓަންގައި ހުންނަ ހޮސްޕިޓަލެއްގެ އައިސީޔޫގަ އެވެ. މިއީ މިދިޔަ މާޗްމަހު ހިނގި ކަމެއް ނަމަވެސް މިކަން އާއްމުންނަށް އެނގުނީ ލައިސަންސް ލިބިފައިވާ ޓޮކްސިކޮލޮޖިސްޓް ޑރ. ބާނާޑް ހަސޫ ޔޫޓިއުބުގައި ޕޯސްޓްކުރެއްވި ވީޑިއޯއެއް ވައިރަލް ވުމުންނެވެ. މި ވީޑިއޯގައި އޭނާ ކިޔައިދެއްވާފައިވަނީ މި ކުއްޖާއަށް ދިމާވި ކަންތައްތަކެވެ.
މި ވީޑީއޯގައި އޭނާ ކިޔައިދެއްވާފައިވާ ގޮތުގައި ޗައިނީޒް ރެސްޓޯރަންޓަކުން ބާކީ ވެގެން ދިން ކާނާގެ ތެރެއިން މި ޒުވާނާ ކެއީ ލޯ މެއިން (ޗައިނީޒް ކެއުމެއް ކަމަށްވާ އެގް ނޫޑުލްސް) އާއި ކުކުޅު އަދި ބަތެވެ.
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައިވާ މި ވީޑިއޯގައި ޑރ. ބާނާޑް ކިޔައިދެއްވާފައިވާ ގޮތުގައި މި ކާނާ ކެއުމަށްފަހު 19 އަހަރުގެ ޒުވާނާގެ ހާލު ވަރަށް ގޯސްވި އެވެ.
ދަ ނިއު ޔޯކް ޕޯސްޓްގައި ބުނެފައިވާ ގޮތުގައި މި ތަކެތި ކެއި ޒުވާނާއަކީ އެ ރެސްޓޯރަންޓްގައި ޕާޓް-ޓައިމްކޮށް މަސައްކަތްކުރާ މުވައްޒަފެކެވެ. ރެސްޓޯރަންޓުގައި ބާކީވެފައި ހުރި ބައެއް އެއްޗެތި ހިފައިގެން ގެޔަށް ގޮސް އޭނާ އެ ތަކެތި ކެއުމާއެކު ވަރަށް ގަދަޔަށް ހޮޑުލެވި ހުން އައެވެ. އަދި ނޭވާ ކުރުވާން ފެށި އެވެ. ބޮލުގަ އާއި މޭގައި ރިއްސައި، ލޯމައްޗަށް އަނދިރިވާ ގޮތް ވެސް ވާން ފެށި އެވެ. އަދި ގައިގެ ހަމަށް ދަނބުކުލަ އެރި އެވެ.
މި ޒުވާނާއަށް ކެވުނު އެއްޗެތިގައި ހުރީ ގިނަ އަދަދެއްގެ ބެކްޓީރިއާ އަށަގަނެފަ އެވެ. އޭނާ އެހާ ބޮޑަށް ބަލިވީ މި އެއްޗެތި ކެވި ކާނާ ވިހަވުމުގެ ސަބަބުންނެވެ. އަދި މި ވިހައިގެ އަސަރު އޭނާގެ ހަށިގަނޑަށް ކުރި ވަރުން އުފެދުނު އިންފެކްޝަނެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކުގައި ގެންގްރޭން އުފެދި އެ ގުނަވަންތައް ބުރިކުރަން ޖެހުނީ އެވެ.
ސިއްހީ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ ވެބްއެމްޑީގައިވާ އާޓިކަލެއްގައިވާ ގޮތުން ކައްކާތާ ދެ ގަޑިއިރު ނުވަނީސް އެ އެއްޗެއް ފުރިޖަށް ލާން ޖެހޭނެ އެވެ. އެއަށް ވުރެ ގިނައިރު ބޭރުގައި ބަހައްޓާފައި ފްރިޖަށް ލައިފިނަމަ އެ ކާނާއެއްގައި ބެކްޓީރިއާ އަށަގަނެ އެ ކެއުމުން ގެއްލުން ލިބޭނެ އެވެ.