އަސާސީ ހައްގުތަކާއި ގާނޫނުން ލިބިދޭ ހިމާޔަތާއި ހައްގު މިންވަރު ހޯދާ ދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުރިހަމަ ސާބިތުކަން ދައްކަވަމުން ގެންދަވާ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޑީޓީ) އިން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ ރައީސް ސޯލިހަށް އަވަސް ޝިފާއަކަށް އެދި އަދި ދިވެހިރައްޔިތުން އެއްބައިވަންތަވުމަށް ގޮވާލާ ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ސޯލިހްގެ ވެރިކަމަކީ އެތެރެއާއި ބޭރުން އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ދުވަސްތައް ކަމަށެވެ. ނަމަވެސް އެ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލައްވާ ރައީސް ސޯލިހް ކާމިޔާބު ހޯއްދަވާފައިވާ ކަމަށެވެ.
"ސޯޝަލް މީޑިއާގައި އެންމެންގެ ޖަޒުބާތުތައް އޮއްސާލަމުންދާ މި ޒަމާނުގައި ރައީސް ސޯލިހް އިސްކުރެއްވީ ހިކުމަތްތެރިކަމާއި ކެތްތެރިކަމެވެ. ދުވަހަކުވެސް ނުރުހުމުގެ ބަހެއް ރައްޔިތަކާއި އަދި އިދިކޮޅު ފަރާތްތަކާއި ދިމާއަށްވެސް ވިދާޅެއްނުވެއެވެ. ރައްޔިތުންގެ އަޑު އައްސަވައެވެ. އަދި ވަކިވަކި ފަރުދުންގެ އަަސާސީ ހައްގުތަކާއި ގާނޫނުން ލިބިދޭ ހިމާޔަތާއި ހައްގު މިންވަރު ހޯދާދިނުމުގައި ފުރިހަމަ ސާބިތުކަން ރައީސް ސޯލިހް ވަނީ ދައްކުވައިދީފައެވެ،" އެމްޓީޑީގެ ބަޔާނުގައިވެއެވެ.
އެމްޓީޑީގެ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނަށްފަހު އަވަސް ޝިފާއަކަށް އެދިފައިވެއެވެ. އަދި ދުނިޔެ ސިއްސުވާލި ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެ ގައުމުގައި ތާށިވެފައިވާ ދިވެހި ދަރިވަރުން އަވަހަށް ރާއްޖެ ގެނެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށްވެސް ގޮވާލާފައިވެއެވެ.