ދޮންބާސް ސަރަހައްދުގައި ޔުކްރޭނުން ހިންގަމުން ގެންދާ ޖަރީމާތަކުން އާންމު ރައްޔިތުން ސަލާމަތްކުރުމަށް މޮސްކޯއިން ބުރާސްފަތި ދުވަހު ފެށި އަސްކަރީ ޚާއްސަ އޮޕަރޭޝަނާ ގުޅިގެން، ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕުން ވަނީ އަޅާފަ އެވެ.
އިނގިރޭސިވިލާތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދު ބޭނުންކުރުން ރަޝިއަން އެއާލައިންސް -- އެއޮރޮފްލޮޓްގެ ފްލައިޓްތަކަށް މަނާކުރި އެވެ.
އިނގިރޭސިވިލާތުގެ މި ފިޔަވަޅާ މެދު ރަޝިއާ ކަންބޮޑުވުން ފާޅުކުރި އެވެ. އަދި މަޝްވަރާކޮށްގެން ކޮޅެއް އަތުޖެހޭތޯ މަސައްކަތްކުރި އެވެ.
ރަޝިއާ އެދުނު އެދުމަށް އިނގިރޭސިވިލާތުން މޫނުއަނބުރައި ވަރަށް ހުތުރުކޮށް ބަސްބުނެ ވަނީ ފުރަގަސްދީފަ އެވެ.
މޮސްކޯއިން ބުނީ އެއޮރޮފްލޮޓްގެ ފްލައިޓްތަކަށް އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދަށް ވަނުމަށް ހުއްދަ ނުދޭ ނަމަ، އިނގިރޭސިވިލާތަށް ފޫޅުކެނޑި އެއްވެސް ފްލައިޓަކަށް ރަޝިއާގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ބުނީ ވަނުން މަނާ ފްލައިޓްތަކުގެ ތެރޭގައި ޓްރާންސިޓް ފްލައިޓްތައް ވެސް ހިމެނޭ ކަމަށެވެ.
ރަޝިއާއަށް ދަތިކުރަން އިނގިރޭސިވިލާތުން ފައްކާކުރި ފިޔަވަޅުތައް އިއުލާން ކުރައްވަމުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ބޭނުންފުޅުވެ ވަޑައިގަންނަވަނީ ރަޝިއާގެ އިގުތިސޯދު އިނދަޖައްސާލުން ކަމަށެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުގުން އިނގިރޭސިވިލާތުން އަޅާ ފިޔަވަޅުތައް ރަޝިއާއަށް ޒަހަރަށް ވާވަރު ކުރައްވާނެ އެވެ. އަދި ހަމަ މިފަދައިން އަދަބު ދިނުމަށް އެކުވެރި ގައުމުތަކުގެ ކިބައިން ވެސް އެދިވަޑައި ގަންނަވާނެ އެވެ.