ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ޔުކްރޭނަށް ތާއީދުކުރައްވާ ސަބަބު އޮޅުންފިލުވަން ބޭނުންނަމަ އެ މީހެއްގެ އަތުން ފީއެއް ނަންގަވާނެ ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ ޓަކާ ކާލްސަން، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ އިންޓަވިއު ކުރުމާ ގުޅިގެން ކޯފާވެ ވަޑައިގެން -- ޓަކާ ކާލްސަން އަކީ ޣައްދާރެއް ކަމަށް ބޮރިސް ޖޯންސަން ވިދާޅުވި އެވެ.
ޓަކާ ކާލްސަން، ދަ ބްލޭޒް އޮންލައިނަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުން އޭނާ އަކީ ޣައްދާރެއް ކަމަށް ބޮރިސް ޖޯންސަން ވިދާޅުވުމުން، ބޮރިސްގެ އިންޓަވިއުކަށް އެދުނު ކަމަށެވެ.
ކާލްސަން ވިދާޅުވި ގޮތުގައި ބޮރިސްއަށް ލަފާއަރުވާ ކަމަށް ބުނެވޭ މީހަކު އޭނާއަށް ގުޅާފައި، ބޮރިސް ހުންނެވީ އިންޓަވިއު ދެއްވަން -- ޔުކްރޭނަށް ތާއީދުކުރާ ސަބަބު ކިޔައިދެއްވާ ގޮތަށް ކަމަށް ބުނި ކަމަށެވެ.
އެކަމަކު ކާލްސަންއަށް އޮތް ޝަރުތަކީ އެއް މިލިއަން ޑޮލަރު ދިނުން ކަމަށް އެޑްވައިޒަރު ބުނި ކަމަށް ކާލްސަން ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ ހުއްޓާލަން ޔުކްރޭންވެސް ބޭނުންވެ އެވެ. އެކަމަކު ޔުކްރޭން މިހާރު އޮތީ އަމިއްލަ ފާލުން ނެެއްޓި އެހެން ބައެއްގެ އަތްމަތީގައި ކަމަށް ހަބަރުތައް ބުނެ އެވެ.
ޔުކްރޭން ހިންގަން ބޭނުންވާ ހުރިހާ ގިޔަރެއް މިހާރު އޮތީ ހުޅަނގުގެ ކޮންޓްރޯލްގަ އެވެ. ޔުކްރޭނަށް މިހާރު ވަދެވިފައި އެ އޮތީ އެއްކޮޅަށް ދުއްވާ މަގަކަށެވެ. އެ މަގުން ނުކުންނަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ވޭންނާޅާ ގޮތަށް ނުކުމެވޭނެ ގޮތެއް ނެތެވެ.
ޓަކާ ކާސްލަން ބުނި ގޮތުން ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ބޮރިސް ޖޯންސަން މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން އަންޔަން ކުރެއްވި އެވެ. އެކަމަކު ބޮރިސް ވިދާޅުވާ ގޮތުގައި މިއީ ބޮޑު ދޮގެކެވެ. ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންވެސް ވަނީ ޔުކްރޭން ހަނގުރާމަ ހުއްޓާލުމުގެ ބާރު ޔުކްރޭން ހިންގަން ތިބި ބައެއްގެ އަތުގައި ނެތް ކަމަށް ވިދާޅުވެފަ އެވެ. ޔުކްރޭން މެދުވެރިކޮށް މިހާރު އެ ކުރާ ހަނގުރާމަ އަކީ ރަޝިއާއާ ހުޅަނގާ ދެމެދު ކުރެވޭ ހަނގުރާމެއއް ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.