ދުނިޔެ

އިނގިރޭސި މާލީ ވަޒީރު މަގާމުގައި 38 ދުވަސް، މަގާމުން ވަކިކޮށްފި

އިނގިރޭސި މާލީ ވަޒީރު ކްވާސީ ކްވާޓެންގް، ބޮޑުވަޒީރު ލިޒް ޓްރަސް އެދިވަޑައިގަތުމަށް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވައި ސަބަބު ބަޔާން ކުރައްވައި ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ކްވާސީ ކްވާޓެންގެ ލިޔުއްވާފައިވަނީ އިސްތިއުފާ ދެއްވީ ބޮޑުވަޒީރު އެދިވަޑައިގަތުމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ލިޒް ޓްރަސް އައްޔަން ކުރެވުނީ ސެޕްޓެމްބަރު 6، 2022 ގައެވެ. އެއާ އެކު މާލީ ވަޒީރުގެ މަގާމަށް ކްވާސީ ކްވާޓެންގް އައްޔަން ކުރެވުނީ އެވެ. އެހެންކަމުން ކްވާސީ ކްވާޓެންގްއަށް މާލީ ވަޒީރުގެ މަގާމުގައި ދެމިހުންނެވުނީ 38 ދުވަހު އެވެ.

މާލީ ވަޒީރުގެ މަގާމުން ދުރުކުރެއްވި ނަމަވެސް ބޮޑުވަޒީރު ލިޒް ޓްރަސްއަށް އެއްބާލުން ދެއްވުމުގައި -- އެދިވަޑައިގެންފިނަމަ ލަފާއެރުވުމުގައި ދެމިހުންނަވާނެ ކަމަށް ކްވާޓެންގް ވިދާޅުވި އެވެ.

މާލީ ވަޒީރުގެ މަގާމަށް ލިޒް ޓްރަސް ދެން އިޚުތިޔާރު ކުރައްވާނެ ކަމަށް ބެލެވެނީ ޖެރެމީ ހަންޓް އެވެ. ޖެރެމީ ހަންޓް ކުރިން ހުންނެވީ ފޮރިން އޮފީހުގެ ވެރިޔާގެ މަގާމުގަ އެވެ.

މާލީ ވަޒީރު މަގާމުން ދުރުކުރެއްވި ސަބަބު މުޅިން ސާފެއް ނުވެ އެވެ. އެހެން ނަމަވެސް ބޮޑުވަޒީރާއި މާލީ ވަޒީރު މަގާމުން ދުރުވެ ވަޑައިގަތުމަށް އާންމުން ރައްޔިތުން ދަނީ ގޮވަމުންނެވެ.

އަނެއްކޮޅުން ކޮންޒަވޭޓިވް ޕާޓީގެ އިގުތިސާދީ ރޭވުމަށް ބަދަލުތަކެއް ގެނައުމާ މެދު ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވެ މަސްލަހަތު ގެއްލިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އިގުތިސާދީ އެޖެންޑާއަށް އިތުރު ބަދަލުތަކެއް ގެނައުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށްވެސް ކްވާސީ ކްވާޓެންގް ވިދާޅުވި ކަމަށްވެ އެވެ.

އިނގިރޭސި ސަރުކާރުގެ މާލީ ސިޔާސަތަށް އާންމުންގެ އެއްވެސް ތާއީދެއް ނެތެވެ. ސަރުކާރުގެ ސިޔާސަތުގެ ސަބަބުން އިނގިރޭސި ފައިސާގެ އަގު ވަނީ ބިރުގަންނަ މިންވަރަށް ދަށަށް ގޮސްފަ އެވެ.

ލިޒް ޓްރަސްގެ ސަރުކާރުން ތަންފީޒުކުރަން ރާވާފައިވާ އިގުތިސާދީ އެޖެންޑާގައި ޓެކްސް ކުޑަކުރަން ވަނީ ނިންމާފަ އެވެ. އާންމުންގެ ނަޒަރުގައި ސަރުކާރުގެ މި ވިސްނުމަކީ އިނގިރޭސިވިލާތަށް ދިމާވެފައި އޮތް އިގުތިސާދީ ދަތިތަކަށް ހައްލެއް ނޫނެވެ.

އިނގިރޭސިވިލާތުގައި ހަކަތައިގެ އަގުބޮޑުވުން ވަނީ ވަަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ. ކާބޯތަކެތީގެ އަގުބޮޑުވުމާއި އާންމު ދިރިއުޅުމުގެ ހާލަތު ދަށްވުމަކީ ވެސް އާންމުން ދެކޭ ގޮތުގައި ސަރުކާރަށް ހެދުނު ގޯހަކުން ވެގެން އުޅޭ ގޮތެކެވެ.

ގައުމުގެ އިގުތިސާދު ހަމައަކަށް އެޅުއްވުމަށް ހައްދާވާނެ، ނުހައްދަވާނެ ގޮތެއް ބޮޑުވަޒީރަށް އެނގިވަޑައިނުގަންނަވަ އެވެ. މިހާރު ވިދާޅުވަނީ ޓެކްސް ކުޑަކުރަން ކުރިން ނިންމި ނިންމުމަށް އަމަލު ނުކުރައްވާނެ ކަމަށެވެ.

އިނގިރޭސިވިލާތަށް ޖެހިފައި އޮތް ދަތި ހާލަތަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވެސް އިނގިރޭސި ބޮޑުވަޒީރު ވިދާޅުވި އެވެ. ޕޫޓިން ހެއްދެވި ގޯހަކީ ޔުކްރޭން ހަނގުރާމަ ފެށުން ކަމަށްވެސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އާންމުންނާ މުހާތަބު ކުރައްވައި ލިޒް ޓްރަސް ވަނީ އިގުތިސާދީ އެޖެންޑާއަށް އާބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މާލީ ވަޒީރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުން ހާލަތު ހެޔޮ މަގަށް އެޅޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ކްވާސީ ކްވާޓެންގް މަގާމުން ވަކިކުރެއްވުމަކީ އިޚުތިޔާރުގައި ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވެ އޭނާގެ ކިބައިން ލިޒް މައާފަށް ވެސް އެދިވަޑައިގެންނެވި އެވެ. އަދި ކްވާސީ ކްވާޓެންގް އަކީ ވަރަށް ގާތް އެކުވެރިއެއް ކަަމަށްވެސް ވިދާޅުވި އެވެ.