ޔުކްރޭންގެ ބަނދަަރުތަކުން ގޮވާން ބަރުކޮށްގެން ކަޅުކަނޑު ހުރަސްކޮށް ދަތުރުކުރާ ކޮންޓެއިނާ ބޯޓުފަހަރު ދުނިޔެ ދެކެފި ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ރަޝިއާގެ މިނިސްޓްރީ އޮފް ޑިފެންސް އިން ބުނީ ގޮވާން ބޯޓުތައް ދަތުރުކޮށް ދަނީ ރަޝިއާގެ އެއްބާރުލުމާ އެކު ކަމަށާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ރަޝިއާގެ މައިން ސާފުކުރާ އުޅަނދުތައް ރެއާ ދުވާލު މަސައްކަތުގައި އުޅޭ ކަމަށެވެ.
އެހެނެއް ކަމަކު، ކަޅުކަނޑުގައި ދަތުރުކުރާ ރަޝިއާގެ މަދަނީ އުޅަނދު ތަކަށާއި މައިން ސާފުކުރާ ބޯޓުތަކަށް ޔުކްރޭނުން ތަންދޮރު ނުބަލައި ހަމަލާދިނުމަކީ ރަޝިއާ ދެކޭ ގޮތުގައި ގޮވާން ޑީލް ދެން ކުރިއަށް ގެންދަން ޔުކްރޭނުން ބޭނުންނުވާ ކަމުގެ ހެއްކެއް ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މައިން ސާފުކުރަން ކަޅުކަނޑުގައި ދަތުރުކުރި ރަޝިއާގެ އުޅަނދަށް ޔުކްރޭނުން ހަމަލާދިނުމުގެ ސަަބަބުން -- ބުރަ މަސައްކަތުން މަރާމާތު ކުރެވުނަސް -- ގަބޫލުކުރަން ދަތި ގެއްލުންތަކެއް ލިބިފައި ހުރި ކަމަށް ރަޝިއާ ބުނެ އެވެ.
އަަދި ޔުކްރޭނުން މިހާރު ރަޝިއާގެ އަމާޒުތަކަށް ހަމަލާދެނީ އިނގިރޭސިންނާއި އެމެރިކާގެ މަދަދާ އެކު -- އެ މީހުންގެ ތަޖުރިބާކާރުންގެ ބައިވެރިވުން އޮވެގެން ކަމަށްވެސް ރަޝިއާ އިން ވަނީ ބުނެފަ އެވެ.
ޔުކްރޭނުން މިގޮތަށް ކަންތައް ކުރާހާ ހިނދަކު ކަޅުކަނޑުގައި ރަޝިއާ އަށް ސެކިއުރުޓީ ނުބެލެހެއްޓޭނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގޮވާން ޑީލުގައި އެއްަބަސްވި މާއްދާތަކުގައި މަދަނީ އުޅަނދުތަކަށް ހަމަލާ ނުދިނުމަށް އިގުރާރުވެފައި އޮންނާނެ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ވެސް ބުނެ އެވެ.
ޔުކްރޭން ގޮވާން ޑީލް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލުމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މޮސްކޯ އަށް ވެސް ދެން މަދަނީ އުޅަނދުތަކަށް ސެކިއުރިޓީ ނުދެވޭނެ ކަމަށެވެ.
ރަޝިއާ އާއި ޔުކްރޭނާ ދެމެދު އދ. އާއި ތުރުކީ ހެކިކޮށް ގޮވާން ޑީލުގައި ސޮއިކުރީ ޖުލައި 22 ގައެވެ. މައިގަނޑު ބޭނުމަކީ ދުނިޔޭގައި -- އޭޝިއާ ބައްރާއި އެފްރިކާ ބައްރުގައި، ހާލުގައި ޖެހިފައި ތިބި މީހުންނަށް ކާންދިނުމެވެ.
އދ. މެދުވެރިކޮށް ފަގީރުންނަށް ކާންދޭ ޕްރޮގްރާމަށް އެހީވުމަކީ ވެސް ގޮވާން ޑީލުގެ މާއްދާއެކެވެ. އެހެން ނަމަވެސް، ރަޝިއާ ބުނާ ގޮތުގައި ޔުކްރޭނުން ގޮވާން ބަރާކޮށްގެން ދަތުރުކުރާ ބޯޓުތައް ގޮސް ބަނަދަރުކަނީ ޔޫރަޕުގަ އެވެ.
ރަޝިއާ އިން ކުރިން ބުނި ގޮތުގައި މިސްރަށާއި އިޒްރޭލަށް ވެސް ޔުކްރޭނުން ގޮވާން ސަޕްލައިކުރެ އެވެ. ސައުތު އެފްރިކާ އަށާއި ޔަމަނަށް އަދި ޖިބޫތީއަށް ގޮވާން ސަޕްލައިކޮށްފައި ވަނީ އުންމީދުކުރި ވަރަށް ވުރެ މަދުން ކަމަށްވެސް ރަޝިއާ ބުނެ އެވެ.