އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ކެމްޕޭން ރަސްމީކޮށް ފަށައިފި އެވެ.
ގިނަ އަދަދެއްގެ ބަޔަކާ އެކު މިރޭ މި ޖަލްސާ ކުރިއަށް ދިޔައީ ށ. މިލަންދޫގަ އެވެ. ފައްޔާޒާއި ރޮޒައިނާ ކެމްޕޭން ޝިއާރެއްގެ ގޮތުގައި ބޭނުންކުރަނީ "ހިންގާލަން" މި ޝިއާރެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އޮޑި ފައްތާނުލެވޭނެ ކަމަށާއި އަދި އެމްޑީޕީ އަކީ ވަކި މީހަކަށް ޖާގަ ދިނުމުގެ ބަދަލުގައި އެންމެންނަށް ވެސް ޖާގަ އޮތް ހުރިހާ ދިވެހި ރައްޔިތުންގެ ޕާޓީއެއް ކަމަށެވެ.
"ވަކި ގެއަކަށް ވެގެން ވަކި އާއިލާ އަކަށް ވެގެން ފުރުސަތު ގެއްލިގެން ނުވާނެ،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޭނާ އަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ލިބިވަޑައިގެންފިނަމަ ޒުވާނުން އިތުރަށް ބާރުވެރިކޮށް، އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ ބާރުވެރިކުރުވާނެ ކަމަށެވެ. އަދި ރަށްރަށުގައި ހުއްޓިފައި ހުރި އެމްޑީޕީގެ ޖަގަހަ ތަން އަލުން ހިންގާލާނެ ކަމަށެވެ
"އިންތިހާބަށް ނިކުމެ މިހުރީ ޒުވާނުންނާއި އަންހެންވެރިންނަށް ގެއްލިފައިވާ ފުރުސަތު ހޯދައިދޭން. މިހިރީ މުޅި ޕާޓި ހިންގާލަން ނިކުމެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު އިތުރަށް ވިދާޅުވި އެމްޑީޕީ އަކީ ރާއްޖޭގެ މުޅީ ތާރީހު އެއްކޮށްލާއިރު ވެސް އައިސްފައި ނުވާ ބޮޑެތި ބަދަލުތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ގައުމަށް ގެނެސްދިން ޕާޓީއެއް ކަމަށެވެ. އެހެންކަމުން އެފަދަ ޕާޓީއެއް އިތުރަށް ހިންގާލަން ބޭނުންވާ ކަމަށެވެ.
"ހަގީގަތަކީ ކޮންމެވެސް ވަރަކަށް އޮޑީގެ ސްޕީޑް ދަށްވެއްޖެކަން. އޮޑި މަރާމާތުކުރަން ޖެހިއްޖެކަން. މި އޮޑީގެ ރިޔާ ސާފުކޮށްލަން ޖެހޭކަން." ފައްޔާޒު ވިދާޅުވި އެވެ.
މިޖަލްސާގައި ރޮޒައިނާ ވިދާޅުވީ އަންހެނުންނަށް ގެއްލިފައި ހުރި ފުރުސަތުތައް ހޯދައިދީ، އަންހެނުންނަކީ ވެސް ބާރުހުރި ބަޔަކަށް ހަދައިދޭނެ ކަމަށެވެ.
އެމްޑީޕީގައި އަންހެނުން ބާރުވެރިކޮށް ވެރިންނަށް ހެދޭނެ ކަމަށާއި ފުރުސަތު ދެއްވައިފިނަމަ އެކަން ހަގީގަތަކަށް ހައްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒާއި ރޮޒައިނާގެ ކެމްޕޭން ލޯންޗު ކުރުމަށް މިއަދު އެ ދެ ބޭފުޅުންގެ ޓީމާ އެކު މިލަންދޫ އަށް ވަޑައިގަތުމުން އެ ރަށުން ވަނީ އެ ދެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ޗެއާޕާސަން ރޭހުގައި ފައްޔާޒުއާ ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހްމީ އެވެ. ކެމްޕޭންގައި އިމްތިޔާޒު މިވަގުތު ހުންނެވީ ފުވައްމުލަކުގަ އެވެ. އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވަނީ ރޮޒައިނާގެ އިތުރުން ސަފާތު އަހްމަދު އެވެ.
އެމްޑީޕީގެ ޗެއާޕާސަން އާއި އަންހެނުންގެ ރޫހުގެ ރައީސް ހޮވުމަށް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 16 ވަނަ ދުވަހު އެވެ.