ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފައިސަލް ނަސީމް

"ވެކްސިންގެ ހަމަހަމަކަށް ކަށަވަރުކުރަން ރާއްޖެ ތައްުޔާރު"

Feb 25, 2022

ހަމަހަމަކަމާއެކު އެންމެނަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމުގައި ރާއްޖެ އޮތީ ތައްޔާރަށް ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ "ގެލްވަނައިޒިން މޮމެންޓަމް ފޮ ޔުނިވާސަލް ވެކްސިނޭޝަން"ގެ ނަމުގައި އދ.ގެ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދާ ޕްލެނަރީ ސެގްމަންޓަކަށް ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ.

ކޯވިޑް 19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ވެކްސިންގެ ހަމަހަމަކަން ގާއިމުކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައި ނައިބް ރައީސް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެންމެހާ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިފައިވާ ކަމަށާއި ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ގައުމުތަކަށް އިސްކަން ދޭންޖެހިފައިވާ ކަމަށެވެ. އަދި އާމްދަނީ މަދު އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ބޮޑެތި އާބާދީތަކަށް ވެކްސިން ނުލިބި ފަރަގު ބޮޑުވެފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. ވެކްސިނަކީ ހަގީގީ މާނައެއްގައި އެންމެނަށް ފޯރުކޮށްދެވޭ އެއްޗަކަށް ހަދަން ބޭނުންނަމަ ސިޔާސީ ތައައްސަބުން އެއްކިބާވެ، އެމަގުން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ވެކްސިންގެ ރައްކާތެރިކަން އެންމެނަށް ނުލިބެނީސް އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތެވެ.

ވެކްސިނަކީ އެންމެންގެ ހައްގު އޭގައި އެކުލެވޭ އެއްޗެއްގެ ގޮތުގައި ދެކި، އެމަގުން ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތްކޮށް، 2020 ވަނަ އަހަރު ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަނުން ހުށަހެޅި ފަދައިން ކޯވިޑް ވެކްސިންގެ ޕޭޓަންޓްތައް ވަގުތީގޮތުން މަޑުޖައްސާލައި، ވެކްސިންގެ ރައްކާތެރިކަން އެންމެހާ ގައުމުތަކަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ދުނިޔޭގެ ލީޑަރުންނަށް ނައިބް ރައީސް ގޮވާލެއްވި އެވެ. އެގޮތުން ދަށް އަދި މެދު ފަންތީގެ ގައުމުތަކުގައި ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ގާއިމުކޮށްފައިވާ އޭސީޓީ އެކެސެލެރޭޓާގެ ގްރާންޓް ފަންޑިން އަށް މަދުވާ 16 ބިލިއަން ޑޮލަރު ހަމަކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ފައިސަލް ނަސީމު ވަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކޮވިޑް 19ގެ ސަބަބުން ކުރިމަތިވި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން އެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމު ކަންވެސް ފާހަގަކުރައްވާފަ އެވެ. އަދި ދިވެހިރާއްޖޭގައި ކޮވިޑުން ރައްކާތެރިކަން ހޯދައިދިނުމަށް އަމާޒުކޮށް ހިންގުނު ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭން "ދިފާއު" ކެމްޕޭން ކާމިޔާބު ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ކޮވިޑުގެ ހާލަތުން އަރައިގަތުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެ ހާލަތުގައި ދިވެހިން އެއް ބައެއްގެ ގޮތުގައި ދެއްކި އެއްބައިވަންތަކަމާއި ބައިނަލްއަގްވާމީ މުޖުތަމައާއި ރާއްޖެއާ ދެމެދު ބެހެއްޓި ގާތްކަމާއި ދީފައިވާ އެހީތެރިކަން ކަމުގައި ވިދާޅުވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ވެކްސިންގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި، މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް ބުއްދިވެރި ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފަ އެވެ.