ލައިފްސްޓައިލް

ތަލަ ކަން އެނގުމުން ކައިވެންޏަށް ދެކޮޅުހަދައިފި

އިންޑިއާގެ ފިލްމުތައް ފަދައިން އެ ގައުމުގެ ކައިވެނިތަކުގައި ވެސް ވަރަށް ހެއްވާ މަޖާ ކަންތައްތައް ވަރަށް ގިނައިން ހިނގަ އެވެ. ކައިވެނި ކުރަން ތައްޔާރުވެފައި ވަނިކޮށް އަންހެންމީހާ ނުވަތަ ފިރިހެންމީހާ ކޮންމެވެސް އުޒުރެއް ދައްކާފައި ކައިވެނިނުކޮށް ފިލުމަކީ ވެސް އިންޑިއާގެ ކައިވެނިތަކުގައި ބައެއް ފަހަރު ދިމާވާ ކަމެކެވެ.

މިދިޔަ ހަފުތާގައި ވެސް މި ފަދަ ހާދިސާއެއް އެ ގައުމުގެ ރަށެއްގައި ހިނގާފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ. މި ހާދިސާގައި އުއްތަރު ޕްރަދޭޝްގެ އެޓަވާގެ އަންހެނަކު ކައިވެންޏަށް ދެކޮޅުހަދާފައިވަނީ އެންމެ ފަހު ވަގުތު އެވެ. އެ މީހާ ކައިވެނި ނުކުރާނަމޭ ބުނީ ފިރިހެންމީހާގެ ބޮލުގައި ވިގެއް ޖަހާފައި ހުރިކަން އެނގުމުންނެވެ. ހަގީގަތުގައި މި މީހާ އަކީ ތަލަވެފައި ހުރި މީހެކެވެ. އެހެންވެ އެކަން ފޮރުވަން އޭނާ އުޅެނީ ވިގެއް އަޅައިގެންނެވެ. އަންހެންމީހާއަށް އެންމެ ފަހު ވަގުތު މިކަން އެނގުމުން ރުޅިއައީ އެވެ.

މިއީ 2019 ގައި ނުކުތް އަޔުޝްމާން ކުރާނާގެ "ބާލާ"ގައި ވެސް ވީ ގޮތާ ވަރަށް ގާތް ގޮތެކެވެ. އެ ފިލްމުގައި ވެސް އަންހެންމީހާ އަށް އޭނާ ކައިވެނި ކުރަން އުޅޭ ފިރިހެންމީހާ އުޅެނީ ވިގެއް ޖަހައިގެން ކަން އެނގެނީ ކަރުގައި މާފަތި އަޅުވަން އުޅެނިކޮށެވެ. އެކަން އެނގުމާއެކު އަންހެންމީހާ ހޭނެތިގެން ވެއްޓެ އެވެ. އަދި ހޭއެރުމަށްފަހު ކައިވެނި ކުރަން އަންހެންމީހާ ދެކޮޅު ހަދަ އެވެ.

މިފަދަ އިތުރު ހާދިސާއެއް ވެސް ފާއިތުވީ ހަފުތާ ތެރޭ އިންޑިޔާގައި ހިނގާފައި ވެއެވެ. އެ ހާދިސާގައި ކައިވެނިކުރަން ތައްޔާރުވެފައިވާ އަންހެންމީހާ އަށް އޭނާ ކައިވެނިކުރަން އުޅޭ ފިރިމިހާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއްކަން އެނގެނީ އެންމެ ފަހު ވަގުތު އެވެ. އެނގުމާއެކު އަންހެންމީހާ ކައިވެންޏަށް ދެކޮޅު ހަދަ އެވެ. އަދި އެވަރުން ނުވެގެން އަންހެންމީހާ އާއި އޭނާގެ އާއިލާގެ މީހުން އެ ފިރިހެންމީހާ އަށް ވަރަށް އަނިޔާވެސް ކުރި ކަމަށް ވެއެވެ.