ރާއްޖެ ކުޅިވަރު

ބޫޓާނުގެ ދަގަނޑޭގެ ބަސް: ދަގަނޑޭ ނެތި ކުޅެފިނަމަ ރާއްޖޭގެ ޕާސްތައް މިސްވާނެ

ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނެތި ކުޅެފިނަމަ ރާއްޖޭގެ ޕާސްތައް މިސްވާނެ ކަމަށާއި އޭނާ ނެތި ރާއްޖެ އަކީ މޮޅު ޓީމެއް ނޫން ކަމަށް ބޫޓާން ޓީމުގެ އެންމެ މުހިންމު ފޯވަޑް ޗެންޗޯ ބުނެފި އެވެ.

ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތް ކުޅެން ބޫޓާނާއި ރާއްޖެ ވެސް ތިބޭ ތާޖް ހޮޓަލުގައި ހުރެ ވާހަކަ ދައްކަމުން 19 އަހަރުގެ ފޯވަޑް އަދި ބޫޓާން ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ބުނީ ބޫޓާނަށް ފައިނަަލަށް ވެސް ދެވިދާނެ ކަމަށެވެ.

"އަޝްފާގް ފުރަތަމަ އެގާރައިގައި ނެތިއްޔާ ވަރަށް ފަސޭހަވާނެ ކުޅެން. އޭނާ ނެތިއްޔާ ރާއްޖޭގެ ޓީމުގެ ޕާސްތައް މިސްވާނެ. އޭނާ ނެތިއްޖާ ޓީމުގެ ގުޅުން ކުޑަވާނެ. އޭނާ އަކީ ވަރަށް ނުރައްކާތެރި ކުޅުންތެރިއެއް. އެކަމަކު އޭނާ ނުލައި ރާއްޖެ މޮޅެއްނޫން،" ބޫޓާނުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަމުންނާއި ބޫޓާނުގެ ދަގަނޑޭގެ ނަމުން ވެސް މަޝްހޫރުވެފައިވާ ކުޅުންތެރިޔާ ބުންޏެވެ.

ރާއްޖޭގެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށް ބުނަމުން ޗެންޗޯ ފާހަގަކުރީ އަޝްފާގަށް ރާއްޖޭގެ ޓީމު ބިނާވާ ކަމެވެ.

"ރާއްޖޭގެ ޓީމުން ކުޅޭނީ އޭނާ. އޭނާ ނެތި ކުޅެފިނަމަ ރާއްޖެއެކޭ އަހަރުމެންނެކޭ ތަފާތެއް ނެތް. ވަރަށް އެއްވަރުގެ ކުޅުންތެރިން ދެ ޓީމުގައި ވެސް ތިބީ. އަހަރުމެންގެ އުއްމީދަކީ ފައިނަލް،" ޗެންޗޯ ބުންޏެވެ.

މުބާރާތުގެ ފުރަތަަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ތައްޔާރުވާއިރު ބޫޓާނަށް މި މެޗުން މޮޅުވުން މުހިންމު ކަމަށް ވެސް ޗެންޗޯ ބުންޏެވެ.