އެމްއެމްއޭ

ބޮޑު އެލަވަންސެއް ލިބޭ ގޮތަށް އެމްއެމްއޭގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

Feb 26, 2022

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑޭޓާ ސައިންސް ޕްރޮފެޝަނަލްސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ޕްރޮގްރާމަށް ފަސް ފުރުސަަތު ހުޅުވާލާފައިވާ ކަމަށެވެ.

ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ މެއި އަށްވަނަ ދުވަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށެވެ.

ފުލްޓައިމްކޮށް އަދި އެމްއެމްއޭއަށް ހާޒިރުވެގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ބައިވެރިން ޕްރޮގްރާމު ނިންމުމަށްފަހު ތިން އަހަރުގެ މުއްދަތަކަށް އެމްއެމްއޭގައި ހިދުމަތް ކުރަންޖެހެ އެވެ.

ޕްރޮގްރާމަށް ހޮވުމަށް ހަމަޖައްސާފައިވަނީ ކޮމްޕިއުޓާ ސައިންސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އިކޮނޮމިކްސް، ބޭންކިން އަދި އެކައުންޓިން ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވާ އެކަމަކު މާސްޓާސް އާއި އަދި އެއަށްވުރެ މަތީ ފާހެއް ހާސިލްކޮށްފައި ނުވާ ފަރާތްތަކެވެ.

މީހުން ހޮވުމުގައި ކޮމްޕިއުޓާ ސައިންސް، މެތަމެޓިކްސް ނުވަތަ ސްޓެޓިސްޓިކްސް އިން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށް ނިންމާފައިވެ އެވެ.

ޕްރޮގްރާމް ފުރިހަމަކުރާ މުއްދަތުގައި ކޮންމެ ބައިވެރިޔަކަށް މަހަކު 20،800 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެ އެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.