ޕިކްނިކް އައިލެންޑް

އެނބޫދޫފަޅުގައި ހަދާ ޕިކްނިކް އައިލެންޑް މިއަހަރު ހުޅުވަނީ

Feb 26, 2022
2

ކ. އެނބޫދޫފަޅުން ހިއްކާފައިވާ ރަށްތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ތަރައްގީކުރަމުންދާ ރަށް މިއަހަރުގެ ފަހުކޮޅު ހުޅުވުމަށް ނިންމައިފި އެވެ.

ޕިކްނިކް އައިލެންޑްގެ މައުލޫމާތު ހާމަކޮށްފައި މިވަނީ އެނބޫދޫ ފިނޮޅުގައި ސަރުކާރުން އިއުލާން ކުރި ޕިކްނިކް އައިލެންޑްގެ އެއްވެސް މައުލޫމާތެއް ނުލިބި ދެ އަހަރު ފަހުންނެވެ.

އެނބޫދޫ ފިނޮޅުގައި ކްރޮސްރޯޑްސް ތަރައްގީ ކުރަމުން ގެންދާ ތައިލެންޑުގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސް އިއްޔެ އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ފަހު ތިން މަހުގެ ތެރޭގައި އެ ރަށް ހުޅުވާނެ ކަމަށެވެ. އެ ރަށް ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިދިޔަ ހަފްތާގެ ތެރޭގައި ޕްލޭނިން މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެނބޫދޫފިނޮޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގައި ހަދާ ޕިކްނިކް އައިލެންޑް މަޝްރޫއު ސަރުކާރުން އިއުލާން ސެޕްޓެމްބަރު 2019 ގައެވެ. އެރަށުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް އަމިއްލަ ހަތް ކުންފުންޏަކުން، އެ ކުންފުނި ތަކުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ހިލޭ ކޮށްދޭ ގޮތަށްވެސް އޭރު ސަރުކާރާ އެކު އެއްބަސްވެފައިވެ އެވެ.

އެސް ހޮޓެލްސް އިން ހަދަމުންދާ ރަށަށް ދަތުރު ދެވޭނީ ހިލޭ ކަމެއް ނުވަތަ ފައިސާ ދައްކައިގެން ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

މާލެ ކައިރީގައި ކުރިން ދަތުރު ދިއުމަށް ހާއްސަކޮށްފައި އޮތް ކުޑަބަނޑޮހަށް އޭރު ދަތުރު ދެވެނީ ކޮންމެ މީހަކު 10 ރުފިޔާ ދައްކައިގެންނެވެ.

އެނބޫދޫފިނޮޅުގައި ޕިކްނިކް އައިލެންޑް ތަރައްގީކުރުން ލަސްވުމުން ސަރުކާރުން މިހާރު ދަނީ ކ. ކުޑަގިރި ފަޅުން ބައެއް ހިއްކައިގެން އެތަނުގައި ޕިކްނިކް އައިލެންޑެއްގެ މަސައްކަތް ކުރަމުންނެވެ.

އެ ރަށުގެ މަސައްކަތް ކުރަމުން ގެންދާ އެމްޓީސީސީން އެންމެ ފަހުން މައުލޫމާތު ދިން ގޮތުގައި ކުރިއަށް އޮތް މާޗް މަހުގެ ތެރޭގައ ކުޑަގިރި ފަޅުގައި ހަދާ ރަށުގެ މަސައްކަތްތައް ނިންމާލެވޭނެ އެވެ. އެތަނުގައި މިހާރު ވަނީ މިސްކިތެއްގެ ބިންގާ ވެސް އަޅާފަ އެވެ.

ޕިކްނިކް އައިލެންޑް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 150 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރަންޖެހޭ ގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. މިމަޝްރޫއަށް 41.4 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ރަށެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.