ޕިކްނިކް އައިލެންޑް

ޕިކްނިކް އައިލެންޑް ހުޅުވޭނެ ދުވަހެއް އަދި ނޭނގެ: އަކްރަމް

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ކ. ކުޑަގިރި ފަޅުގައި ތަރައްގީކޮށްފައިވާ ޕިކްނިކް އައިލެންޑް ހުޅުވޭނެ ދުވަހެއް އަދި ޔަގީން ނުވާ ކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ ބައެއް މީޑިއާތަކުގައި ޕިކްނިކް އައިލެންޑް މިމަހު ހުޅުވޭނެ ކަމަށް އޭނާއާ ހަވާލާދީ ވިދާޅުވި ކަމަށް ރިޕޯޓް ކުރާ ކުރުމަކީ ތެދު މައުލޫމާތެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިމަހުވެސް ހުޅުވޭތޯ ޕްލޭނިން މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ. ނަމަވެސް ޔަގީންކަމާ އެކު ސީދާ ތާރީހެއް ދަންނަވަން ދަތި ކަމަށެވެ.

"މިހާރު ކުރަމުންދަނީ ރަށް ފެހިކުރުމުގެ މަަސައްކަތް ކަމުގައި ވާތީ އެހެން ސީދާ އެކަން ނިމޭނެ ވަކި ތާރީހެއް ނޭގޭނެ ނޫންތޯ؟ އަޅުގަނޑުމެން މި ބަލަނީ ވީހާވެސް އަވަހަށް ހުޅުވާލެވޭތޯ." އަކްރަމް ވިދާޅުވި އެވެ.

ސަރުކާރުން ފުރަތަމަ ނިންމީ މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން އެތަން ހުޅުވުމަށެވެ. ނަމަވެސް ފަހުން މިދިޔަ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ނޮވެމްބަރު 11 ގައި ހުޅުވުމަށްވެސް ސަރުކާރުން މަސައްކަތް ކުރި އެވެ.

ޕިކްނިކް އައިލެންޑަށް ދަތުރުކުރާނެ ފެރީ ހޯދުމަށްވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

މާލެ އަތޮޅު ކުޑަގިރި ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. ކުޑަގިރިފަޅުން އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.