ޕިކްނިކް އައިލެންޑް

ޕިކްނިކް އައިލެންޑް ނޮވެމްބަރުގައި ހުޅުވަނީ

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑް މިއަހަރުގެ ނޮވެމްބަރު މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ސަރުކާރުން އެންމެ ފަހުން މަސައްކަތް ކުރީ މިދިޔަ މިނިވަން ދުވަހާ ގުޅުވައިގެން އެ ރަށް ހުޅުވުމަށެވެ. ނަމަވެސް ސަރުކާރުން ބޭނުންވާ މިންވަރަށް ރަށް ފެހިކުރުމުގެ މަސައްކަތް ނިންމާލެވިފައި ނުވާތީ ބައެއް ވަސީލަތްތައް ތާރީހަށް ގާއިމުކުރެވިފައި ނުވާތީ ރަށް ހުޅުވުން ސަރުކާރުން ފަސްކުރީ އެވެ.

ޕިކްނިކް އައިލެންޑް ހުޅުވާނެ ދުވަހަކާ ގުޅޭގޮތުން އަވަސް އިން މިއަދު ސުވާލު ދެންނެވުމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމު ކަމާލުއްދީން ވިދާޅުވީ ނޮވެމްބަރަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިބަލަނީ ނޮވެމްބަރުގައި އެމަސައްކަތް ނިންމާލެވޭނެ ކަމަށް،" އަކްރަމު ވިދާޅުވި އެވެ.

ކުޑަގިރިފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. ކުޑަގިރިފަޅުން އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.